ހުޅުމާލޭ ހޮސްޕިޓަލްގެ އައިސީޔޫއާއި އެންއައިސީގެ ކެޕޭސިޓީ އިތުރުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު އެއްބަސްވުމެއް ހަދައިފިއެވެ.

ރައީސް މައުމޫނުގެ ދައުރުގައި 2004 ވަނައަހަރު ހުޅުމާލޭގައި ޚިދުމަތްދޭން ފެށި މި ހޮސްޕިޓަލްގައި ޚިދުމަތްތައް ފުޅާކުރާން ކޮންމެ ސަރުކާރަކުންވެސް، ރިޔާސީ އިންތިޚާބުގެ އަހަރުގައި ގިމަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، ހުޅުމާލޭގެ ބިޔަ އާބާދީއަށް ޚިދުމަތް ފޯރުކޮށްދޭން އެތަނުގައި ހުރި ސަރުކާރުގެ މައި ހޮސްޕިޓަލް ދޭތެރެއަކުން ވަރަށް ރަނގަޅަށް ހިންގާލާފައި ސަރުކާރު ބަދަލުވާއިރަށް، ބަދަލުވާ ސިޔާސަތުތަކާއެކު ހިންގުންވެސް ދޯހަޅިވެ ޚިދުމަތްތައް ދައްވަމުންދާކަން އާންމުން ފާހަގަކުރެއެވެ.

އެސްޓީއޯގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ، އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސަޢީދެވެ.

ހުޅުމާލޭ ހޮސްޕިޓަލަކީ މިހާރުވެސް، އައިސީޔޫގައި 17 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. މިއެއްބަސްވުން ތަންފީޒުކުރެވިއްޖެ ނަމަ، ޒަމާނީ ވަސީލަތްތަކާއެކު އަލަށް އައިސީޔޫއަށް 10 އެނދު އަދި އެންއައިސީޔޫއަށް 14 އެނދު އިތުރުވެގެން ދާނެއެވެ.