ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، ހުޅުމާލޭގައި އިމާރާތްކުރާން ފެށި 14 ބުރީގެ 110 އެޕާޓްމަންޓް ހިމެނޭ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކުމުގެނަމުގައި، އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކަކުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ ޙަސަން މަމްދޫޙުގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލްކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރާން ފުލުހުން ތައްޔާރުވެއްޖެއެވެ.

ކޭ-ޕާރކް މައްސަލައިގައި މަމްދޫހުގެ އިތުރުންވެސް ގިނަބައެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، މަންޑޭގެ ޕާސްޕޯޓް ދޫކޮށްލީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. އަދި ފުލުހުން ވަނީ، އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި އެދޭނޭކަށް ބުނެފައެވެ.

ކޭ-ޕާކް ފްލެޓް މަޝްރޫއުގެ ރާއްޖޭގެ އެޖެންޓްގެ ގޮތުގައި މަސައްކަތް ކުރި ހަންބޯ ކުންފުންޏާއި، އެޗްޑީސީއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ އެޕާޓްމަންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން އާންމުނަށް ވިއްކަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅި އަންނަނީ ތަޙްޤީޤްކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން މަންޑޭ ވަނީ މީގެ ކުރީން ބަޔާނެއް ނެރެ، މިއީ އޭނާއަށް ގެއްލުން ދިނުމުގެ ގޮތުން، ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއްކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ، މި މަޝްރޫއުގައި ހިމެނޭ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބޭރުގެ ހިއްސާދާރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްވެސް ކޮށްފައެވެ.