އަޟްޙާ ޢިދު ދުވަހާ ދިމާކޮށް، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގެ މިސްކިތެއްގެ ކުރިމަތީގައި މުސްޙަފެއްގައި ރޯކޮށްލި މައްސަލަ ހޫނުވެ، ދުނިޔޭގެ ގައުމުތަކުން އެކަން ކުށްވެރިކުރުމާ ގުޅިގެން އެންމެފަހުން ގޮތްހުސްވެ ސްވިޑްން ސަރުކާރުންވެސް އެކަން ކުށްވެރިކޮށްފިއެވެ.

ކީރިތި ޤުރުއާނުގެ މުސްޙަފެއްގައި ރޯކޮށްލި މައްސަލައަކީ އިސްމާމީ އުންމަތާ ދެކޮށްޅަށް ހިންގާ ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި ދުނިޔޭގެ މުސްލިމުން މިކަން ސިފަކޮށްފައިވާއިރު، ސްވިޑެންގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވައިލާ އެ ޤައުމުގެ ހައްދުފަހަނަ އެޅި ޖަމާޢަތްތަކުން ދާދިފަހުން ފެށީ މުޒާހަރާއެއްގެ ތެރޭން، ސްވިޑެންގައި މިފަހަރު މުސްޙަފް އެންދުމުގެ ހަރަކާތް ގެންދިޔައީ، އެގައުމުގެ ފުލުހުންގެ ހިމާޔަތާވެސް އެކުއެވެ.

މުޞްޙަފުގައި ރޯކޮށްލި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި، އޭނާއާ ދެކޮޅަށް ދަޢުވާ އުފުލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސަލްވާން މޮމިކާ ނަމަކަށްކިޔާ މި މީހާއަކީ އިރާގުން ފިލައިގެން ރެފިއުޖީއެއްގެ ގޮތުގައި ސްވިޑެންގައި އުޅޭ ހައްދުފަހަނައެޅި މީހެކެވެ.

ސްވިޑެންގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ކީރިތި ޤުރުއާނުގެ މުޞްޙަފެއްގައި ހުޅުޖަހައި އެއަށް ގެއްލުންދިނުމަކީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދެކޮޅު، އަދި މުސްލިމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭނެ އަމަލެއް ކަމުގައި ގަބޫލުކުރާ ކަމަށާއި، އެއީ އެގައުމުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް އަމަލެއް ނޫންކަމަށާއި އަދި ސްވިޑެން ސަރުކާރުން ގަބޫލުކުރާ ކަމެއް ވެސް ނޫންކަމަށާއި އެހެންކަމުން އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށް އެ ބަޔާނުގައިވެއެވެ.

ވަކިބަޔަކާ ދެކޮޅަށް ނަފްރަތު އުފައްދާން މަސައްކަތްކުރުމުގެ ކުށުގައި، ސަލްވާން މޮމިކާ އާ ދެކޮޅަށް ދައުވާކުރާން ސްވިޑެން ފުލުހުން މިހާރުވަނީ ހުށަހަޅައިފައެވެ.