ވަކިވަކި ނޫސްވެރީންގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އެޅުވުމާއި، ނޫސްވެރީންނާއި މީޑިއާތަކުގެ އަގުވެއްޓޭގޮތަށް ބައެއް ފަރާތްތަކުން އަމަލުތައް ބަހައްޓާތީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށް އެފަދަ ކަންކަން ނުހިންގުމަށް ގޮވާލައިފިއެވެ.

އެމްއެމްސީން ނެރުނު ބަޔާނުގައި ބުނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވާއިރު، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތުނުހިފޭ ތުހުމަތުތައް ކުރުމާއި، ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށްވެސް އޭގެ ސަބަބުން ގެއްލުން ލިބޭނޭ ކަމެއް ކަމަށެވެ. މީގެ އިތުރުން އަދި މިދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް ނޫސްވެރިކަމުގެ މަސައްކަތްކުރާއިރު، ޤާނޫނާއި ޤަވާއިދުތަކާއި، ދިވެހި މީޑީއާގެ އަޚްލާޤީ މިންގަނޑާއި އުޞޫލުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިފަހަކަށް އައިސް ސިޔާސީ އެކި ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ތަކުގައާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރީންނާ މެދު ސާބިތު ނުހިފޭ ސީރިއަސް ތުހުމަތުތަކެއް ކޮށް ނޫސްވެރިކަން ޑިސްކްރިޓްކުރުމަށް މަސައްކަތްކުރަމުން ދާދީ އެކަން އެ ޔޫނިއަނުން ކުށްވެރިކުރާ ކަމަށެވެ. އަދި ނޫސްވެރީން ކުރިމަތިކުރުވާ ސުވާލުތަކާއި ލިޔާ ލިޔުންތަކުގެ ސަބަބުން އެފަރާތަތަކާ ޒާތީވެ ތުހުމަތުތައް އުފަންކުރުވުމަކީ ތަހްޒީބު ޑިމޮކްރަސީއެއްގައި އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ.

އެމްއެމްސީއާއި އެމްޖޭއޭއިން މި ފަދަ ބަޔާނެއް ނެރެފައި މިވަނީ، ދާދިފަހުން، ސަރުކާރާ އިދިކޮޅުފަރާތްތަކުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، ރައީސް އޮފީހުން ވަކި ގޮތަކަށް ހެޑްލައިން ޖަހަން އަންގާފައި އޮތީމަ، އެ ހެޑްލައިން ޖެހޭނެ ގޮތެއް ހޯދުމަށް ނޫސްވެރިން އައިސް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި އަދި ނޫސްވެރިންނަށް ލިބޭ ފައިސާއަކީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށް އޭނާ ވިދާޅުވި ވާހަކައާ ގުޅިގެންނެވެ. އަމްރުވަނީ ފަހުން އެކަމަށް މައާފަށްވެސް އެދިވަޑައިގެންފައެވެ.