އިސްރާއީލްގެ އަސްކަރީ މަތިންދާބޯޓަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދިންކަމަށް ބުނެ، ސޫރިޔާގެ ހުޅަނގުގެ އަވަށެއް ކަމަށްވާ ޚުމްސަށް ވަރުގަދަ ވައިގެ ހަމަލާތަކެއް އިސްރާއީލުން ދީފިއެވެ.

ޔަހޫދީ އަސްކަރިއްޔާގެ މި ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން، އެފަރާތުން ބުނެފައިވަނީ، ހަމަލާދޭން ޖެހުނީ ސޫރިޔާގެ މިސައިލް ހަމަލާއެއް އިސްރާއީލްގެ އަސްކަރީ މަތިންދާބޯޓަކަށް އަމާޒުކުރުމުން ކަމަށާއި ނަމަވެސް، އެ ހަމަލާ ބޯޓަށް އެރުމުގެ ކުރީން ވައިގެތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ. އަދި އެމީހުން ހަމަލާ ދިނީ ސޫރިޔާއިން އިސްރާއީލަށް މިސައިލް ހަމަލާދޭން ބޭނުންކުރި އެންޓި-އެއަރކްރާފްޓް ސިސްޓަމްގެ ބެޓެރީއަށް ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ދޭތެރެދޭތެރޭން ސޫރިޔާއަށާއި، އަދި އަވައްޓެރި އެހެން ސަރަހައްދުތަކަށްވެސް މިފަދަ ޓެރަރިސްޓް ހަމަލާތައް ދެމުންދެއެވެ. ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ، ޔަހޫދީންގެ މި ހަމަލާ ދީފައިވަނީ، އެގައުމުގެ ދިފާއީ ނިޒާމުގައި ހިމެނޭ އަސްކަރީ ހަތިޔާރުތަކަށް އަމާޒުކޮށް ކަމަށާއި ނަމަވެސް ހަމަލާ ނާކާމިޔާބުކޮށްލާފައިވާކަމަށް ބުނެފައެވެ.