ސެމީ ފައިނަލްގައި ލުބްނާނާ އިންޑިއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، އިތުރު ވަގުތުގެ 30 މިނިޓް ދީގެންވެސް ނަތީޖާ ނުނެރެވުމުން، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 4-2 ލަނޑުން ލުބްނާނު ބަލިކޮށް އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް 2023ގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

މިއީ އިންޑިއާ ލުބާނާނުގެ މައްޗަށް ވޭދުވެ ދިޔަ ދެ ހަފްތާގެ ތެރޭގައި ޖެހިޖެހިގެން ހޯދި ދެވަނަ ކާމިޔާބީއެވެ. މިދިޔަ ހަފްތާގައި އިންޑިއާގެ ބުބަނޭސްވަރުގައި ކުޅުނު އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލްގައި އިންޑިއާ ވަނީ 2-0އިން ލުބްނާނު ބަލިކޮށްފައެވެ.

ބެންގަލޫރުގެ ސްރީ ކާންތިރަވާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގައި 120 މިނިޓްކުޅެގެންވެސް ނަތީޖާ ނުނެރެވުމުން ޖެހި ޕެނަލްޓީގައި އިންޑިއާގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އޭގެ ފަހުން އަންވަރު އަލީ، ނައޮރެން މަހޭޝް ސިންގ، އަދި އުދަންތާ ސިންގު ޖެހި ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު، ލުބްނާނުގެ ކެޕްޓަން ހަސަން މާތޫކު ޖެހި އެޓީމުގެ ފުރަތަމަ ޕެނަލްޓީ އިންޑިއާގެ ގޯލްކީޕަރު ގުރްޕްރީތް ސިންގ ސަންދޫ މަތަކޮށް، އަދި އޭގެ ފަހުން އިންޑިއާއަށް ފައިނަލް ކަށަވަރުވީ، ލުބްނާނުގެ ޚަލީލް ބަދަރު ފޮނުވާލި ޕެނަލްޓީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިއުމުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ މި މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ، މި މުބާރާތުގައި މެހެމާނުންގެ ގޮތުގައި ވާދަކުރާ އަރަބި ދެވަނަ ޓީމު ކަމަށްވާ ކުވޭތާ ދެކޮޅަށެވެ.