ވާދަވެރި މެޗުގެ ފުރިހަމަ ވަގުތު ހަމަކޮށް ނަތީޖާ ނެރޭން ކުޅުނު އިތުރު ވަގުތުގެ 30 މިނިޓް ތެރޭގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑުން ބަންގްލަދޭޝް ބަލިކޮށް، ކުވޭތުން ބަންގަބަންދު ސާފް ޗެމްޕިއަންޝިޕް 2023ގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން ދައުވަތުދީގެން ގެނައި ދެޓީމުގެ ތެރޭގައި ހިމެނޭ ކުވޭތަކީ ބަންގާޅާ އަޅައިކިޔާއިރު، ހުރިހާ ގޮތަކުންވެސް ވަރުގަދަ ޓީމެކެވެ. ނަމަވެސް ބަންގާޅު ޓީމުން ވަނީ، 90 މިނިޓް ހަމަކޮށް، އިތުރަށް ކުޅުނު 30 މިނިޓްގެ ފުރަތަމަ 15 މިނިޓާ ހަމައަށްވެސް ހިތްވަރާއެކު ކުޅެފައެވެ. ކުވޭތުން މަރުތަޅު މުގުރާލީ 105+2 ވަނަ މިނިޓްގައި އަބްދުﷲ އަލް ބަލޫޝީ ޖަހައިދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު، ކުވޭތުން ފައިނަލްގައި ވާދަކުރާނީ، ލުބްނާނާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާދެކޮޅަށެވެ. ފައިނަލް މެޗް އޮންނާނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.