ދޭތެރެ ޖެއްސުމާއި، ޣީބަބުނުމާއި ޚާއްސަކޮށް ދުލުގެ ޢާފާތްތަކުން ދުރުހެލިވެ ތިބުމަށާއި، ދޮގުހެކިދޭ މީހާ، ނުވަތަ ހެކި ވަންހަނާކޮށްފިމީއާއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ދުލުގެ ޢާފާތްތަކުން ދުރުހެލިވެތިބުމަށް ބާރުއަޅައި ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބުނީ، ދޭތެރެޖެއްސުމާއި، ޣީބަބުނުމާއި، ދެކޮޅުވެރިކަމާއި ޙަސަދަވެރިކަމާއި ގެއްލުންތަކަށް މަގުފަހިކުރުވާ ކޮންމެ ކަމަކީވެސް ނުބައިވެގެންވާ ކަމެއް ކަމަށާއި، ކޮންމެ މުސްލިމަކުވެސް މިފަދަ ކަންކަމުން ދުރުހެލިވެ ތިބޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ދުލުގެ ޢާފާތްތަކުގެ ތެރޭގައި ދޮގު ހުވާކުރުމާއި ދޮގު ހެކިދިނުން ހިމަނޭ ކަމަށާއި، މާތްﷲގެ ޙަޟްރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާކަމަށްވެސް މި ޚުތުބާގައިވެއެވެ.

ޚުތުބާގައި ވަނީ، ދޮގު ހެކިދިނުމުގެ ސަބަބުން، ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބޭކަމަށާއި، ޚާއްސަކޮށް މިފަދަ ކަންކަމުގެ ސަބަބުން، ޝަރީޢަތްތަކުގައި ޙުކުމް ކަނޑައަޅާ ޤާޟީންނަށް ޙައްގު އޮޅި، ބާޠިލަކީ ޙައްޤުކަމަށް ހީވުމާއި، އޭގެ ސަބަބުން އެހެންމީހުންގެ ޙައްޤުތައް ގެއްލިގެން ދިއުމާއި، މުޖުރިމުން ކުށުން ބަރީޢަވުމާއި، ކުށެއްނެތް ފަރާތްތަކަށް ޙައްޤަކާ ނުލައި އަނިޔާލިބުން ހިމެނޭކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.