މިހިނގާ 2023 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރީންގެ ޢަދަދު މިލިޔަނަކާ ގާތްކޮށްފިއެވެ. 

ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރީންގެ ޢަދަދު ވަނީ، 904،980އަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިކިޔާނަމަ 14 އިންސައްތް ކުރިއެރުމެކެވެ. 

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ނުވަ ލައްކައަށް ވުރެ ގިނަ ފަތުރުވެރީން ޒިޔާރާތްކޮށްފައިވާއިރު، މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރީން ރާއްޖެ ގެނައުމެވެ. މިދިޔަ އަހަރުގެ އަމާޒަކީ 1.6 މިލިއަނެވެ. 

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރާތްކުރި އިންޑިއާއިން 107 ހާހަށްވުރެ ގިނަ ފަތުރުވެރީން އައިސްފައިވާއިރު، ދެވަނަައަށް އެންމެ ގިނަ ފަތުރުވެރީން އައި ރަޝާއިން ރާއްޖެއަށް 106 ހާހަށްވުރެ ގިނަ ފަތުރުވެރީން ޒިޔާރާތްކުރިއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން 76 ހާސް، ޗައިނާއިން 60 ހާސް އަދި އިޓަލީއާއި ޖަރުމަނުންވެސް ކޮންމެ ގައުމަކުން 50 ހާހަށްވުރެ ގިނަ ފަތުރުވެރީން ރާއްޖެ ޒިޔާރަތްކުރިކަމަށް ހިސާބުތައް ދައްކައެވެ.