އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް ހދ. ކުޅުދުއްފުށިން ބޮޑު ޢީދުފެނިގެން މިދަނީ ވަރަށް ކުލަގަދަކޮށް އެހާމެ ތަފާތު ކޮށެވެ. މިފަހަރުގެ ބޮޑު ޢީދުގައި މިހާތަނަށް އެންމެ ތަފާތުކޮށް ފެނިގެން ދިޔައީ "ހަވާ" އެރުވުމެވެ.

މިއަހަރުގެ ބޮޑުޢީދުގެ ޢީދުކުޅިވަރު ތާވަލް ނެރުނުއިރު ކުޅުދުއްފުށީ ރައްޔިތުންނަށް އެންމެ ބޮޑު އުފާވެރިކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ޢީދުގެ ފުރަތަމަ ދުވަހުގެ ރޭ 20:30ގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް "ޕޮޗަރާލި ޝޯ | ހަ ވާ އެރުވުން" އެވެ.

ކުޅުދުއްފުށްޓަށް ޒިޔާރަތްކުރި އެތަކެއް ސަތޭކަ ބަޔަކާއި އަދި 10 ވަރަކަށް ހާސް މީހުންގެ އާބާދީ ހިމެނޭ އެރަށުގެ އެތަށް ބަޔަކު ވަހާ ބަލަން ހިއްކި ބިމަށް ޖަމާވިއެވެ. ނަމަވެސް، ހީކުރި ގޮތާ ޚިލާފަށް ހަވާ ފެނިގެން ދިޔައީ، ސްޓޭޖްމަތިން ދައްކާލި "1 ވާ، 2 ވާ، 3 ވާ، 4 ވާ، 5 ވާ، އަދި 6 ވާ"ގެ މަންޒަރު ތަކެވެ.

 

ކޮންމެއަކަސް، މިފަހަރު އީދު ކޮމިޓީން މިކޮށްލި ސަމާސާއަށް ގިނަ ބަޔަކު އެހާ ހިތްހަމަ ޖެހުނުކަމަކަށް ނުވިއެވެ. ނަމަވެސް، ކުޅުދުއްފުށީގައި މިގޮތަށް 6ވާ އެރުވުންމީ، ބަޔަކު ހިތްހަމަ ޖެހުނަސް ނުޖެހުނަސް ނުކޮށްފާނޭ ކަމެއްކަމަށް ބަލައި، އެކަމާ ހިތްހަމަ ނުޖެހޭންވީ ކަމެއް ނޫންކަމަށް ގިނަބަޔަކު ދެކެއެވެ. އެހެނީ ކުޅުދުއްފުށީގެ ޢީދު ސަމާސާ ހަރަކާތްތަކަކީ އަބަދުވެސް ވަރަށް ތަފާތު އެހެން ލެވެލެއްގައި ކުރިއަށް ގެންދާ ޚަރަކާތްތަކަކަށް ވާތީއެވެ.

ހަވާ އެރުވުމާ ގުޅޭގޮތުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމުން ކުޅުދުއްފުށީ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ކުޅިވަރުތައް އިންތިޒާމް ކުރާ ފަރާތުން " 6ވާ އެރުވުން" ކިޔާ ކުޅިވަރެއް ހިމެނުމަށް އެދުމުން ކައުންސިލުން ނެރުނު ޝެޑިއުލްގައި "ހަ ވާ" އެރުވުން ހިމެނީ ކަމަށެވެ. އަދި ހ އާއި ވ އާ ދެމެދު ހުސް ޖާގަ ލާފައި ވަނީ އޮޅު އަރާފާނެތީކަމަށްވެސް ވިދާޅުވިއެވެ.