ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް "ބީ"ގެ ފަހު މެޗުގައި ބޫޓާނާ ވާދަކޮށް، ފަހަތުން އަރައި 3-1ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށް ބަންގުލަދޭޝް މި މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ބޫޓާންގެ މައްޗަށް ބަންގާޅުން މިހޯދި ކާމިޔާބީއާއެކު ރާއްޖެއަށް މިވަނީ، މި މުބާރާތުގައި ވާދަކުރާން ފެށިފަހުންވެސް ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ކަޓައި ގައުމަށް އަންނާން ޖެހިފައެވެ.  އަދި މިއީ، ވޭތުވެ ދިޔަ 14 އަހަރު ތެރޭ ބަންގާޅު މި މުބާރާތުގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ބޫޓާނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ސެންޑާ ޑޯރޖީ ޖަހައިދިން ލަނޑުން ބޫޓާން ކުރި ހޯދި ނަމަވެސް، ޝޭޚް މޫރްސަލީން ވަނީ 21 ވަނަ މިނިޓްގައި ބަންގާޅަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އެޓީމަށް ލީޑު ލިބުނީ، 30 ވަނަ މިނިޓްގައި، ބޫޓާނުގެ ފުންޝޯ ޖިގްމޭ އަތުން ބައިކޮޅަށް ގޯލެއް ވަދެގެންނެވެ. އޭގެ ހަ މިނިޓްފަހުން ރަކީބް ހުސައިން ވަނީ ބަންގާޅުގެ ލީޑު 3-1އަށް ފުޅާކޮށްފައެވެ.

މި ނަތީޖާއާއެކު، ބަންގާޅުން ގްރޫޕް ބީގެ ދެވަނަ ހޯދީ 6 ޕޮއިންޓާއެކުއެވެ. 9 ޕޮއިންޓާއެކު ލެބަނަން ގްރޫޕްގެ އެއްވަނަ ހޯދިއިރު، ތިން ވަނައިގައި އޮތް ރާއްޖެއަށް ލިބުނީ 3 ޕޮއިންޓެވެ. އަދި ބޫޓާން ކެޓީ ޕޮއިންޓެއް ނުލިބިއެވެ.