މާލޭ ސިޓީން މާލޭ ރައްޔިތުންނަށް ހިލޭ ދިން ގޯތިތަކުގައި ވިޔަފާރި ކުރުން މަނާ ނުކުރައްވާ ކަމަށް ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ސަރުކާރުން ރައްޔިތުންނަށް ގޯތި ދޫކުރަނީ ދިރިއުޅުމަށް ކަމަށާއި އެހެންނަމަވެސް އެއިން އެއްވެސް ގޯއްޗެއްގައި ވިޔަފާރި ކުރުން މަނާ ނުކުރައްވާ ކަމަށެވެ. އެހެންކަމުން މާލޭ ސިޓީން ދޫކުރައްވާ ގޯތިތަކުގައި ވެސް ވިޔަފާރި ނުކުރެވޭނޭ ކަމަށް ނިންމާފައި ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

ގޯތި ހޯދުމަށް 15164 ފޯމު ހުށަހަޅާފައިވާއިރު، މި 15164 ފޯމު ހުށަހަޅާފައިވަނީ ވަކިވަކީންނާއި ޖޮއިންޓުކޮށް 23088 މީހަކު ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އޭގެ ތެރެއިން ޝަރުޠު ފުރިހަމަ ވަނީ 19857 މީހަކު ހުށަހެޅި 12794 ފޯމު ކަމަށާއި މީގެ ތެރެއިން ގެޒެޓު ކޮށްފައިވަނީ 10314 މީހަކަށް ލިބޭ ގޯތި ކަމަށެވެ.

މާލޭ ސަރަޙައްދުން ހިލޭ ގޯތި ދިނުމަކީ ބައެއް ރައްޔިތުން ކަންބޮޑުވާ ކަމަކަށް ވާއިރު، އަނެއް ބަޔަކު ދަނީ ދައުލަތުން ފައިސާ ޚަރަދުކޮށްގެން ހިއްކާ ބިން ހިލޭ ދެވޭ ކަމަށް ވާ ނަމަ، ހިއްކާ ބިމުގައި އަޅާ ފުލެޓުތައް ވެސް ހިލޭ ދެވޭން ޖެހޭނެ ކަމަށް ބުނަމުންނެވެ. ނުވަތަ ފުލެޓުގެ އަގުގެ ތެރެއިން ބިމުގެ އަގު އުނި ކުރެވޭން ޖެހޭ ކަމަށް ބުނަމުންނެވެ.