އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް "އޭ"ގެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ކުވޭތު ކުޅުނު މެޗު 1-1 އެއްވަރުވެއްޖެއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ފިޒިކަލް ގޭމެކެވެ. 4 ރީނދޫ ކާޑާއި ދެ ރަތްކާޑު ފެނިގެން ދިޔަ މެޗުގައި ލީޑު ނެގީ އިންޑިއާއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތު ތެރޭގައި އިންޑިއާއަށް ލަނޑު ޖަހައި ދިނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އަދި ކުވޭތުގެ ލަނޑަކީ، ފަހު ހާފުގެ އިތުރު ވަގުތުގައި އަންވަރު ޢަލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ 90 ވަނަ މިނިޓްގައި އިންޑިއާގެ ރަހީމް ޢަލީއާއި ކުވޭތުގެ ޙަމަދު އަލް ޤައްލާފަށް ރަތްކާޑު ދައްކާފައިވާއިރު، އިންޑިއާގެ ކޯޗަށް ވެސް ވަނީ ރަތްކާޑު ދައްކައިފައެވެ. މިއީ އޭނާއަށް މި މުބާރާތުގައި ރަތްކާޑު ދެއްކި ދެވަނަ ފަހަރެވެ.

މި ނަތީޖާއާއެކު، މި ދެޓީމަށްވެސް ކުޅުނު ތިން މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ލިބެނީ ކުވައިތަށެވެ. ދެވަނައިގައި އިންޑިއާ އަދި، 3 ޕޮއިންޓާއެކު ތިން ވަނައިގައި ނޭޕާލް އޮތް އިރު ޕޮއިންޓެއް ނުލިބި މުބާރާތް ނިންމައިލީ ޕާކިސްތާނެވެ.