އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް "ބީ"ގެ ހަތަރު ވަނަ މެޗުގައި ބޫޓާން އަތުން 4-1 ލަނޑުން މޮޅުވެ، ލުބްނާން މި މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މެޗުގައި ލުބްނާނުގެ 4 ލަނޑުވެސް ޖަހާފައި ވަނީ، މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން 11 ވަނަ މިނިޓްގައި މުޙައްމަދު ޞާދިގު ލަނޑެއް ކާމިޔާބުކޮށް ނެގި ލީޑު ފުޅާކުރީ، 23 ވަނަ މިނިޓްގައި ޢަލީ އަލް ޙާއްޖެވެ. 35 ވަނަ މިނިޓްގައި ޚަލީލް ބަދުރު 3 ވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް، އެޓީމުގެ 4 ވަނަ ލަނޑު 43 ވަނަ މިނިޓްގައި ކާމިޔާބުކުރީ މަހްދީ ޒެއިން އެވެ.

ބޫޓާން މެޗުގައި ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 79 ވަނަ މިނިޓްގައި އެޓީމަށް ޖަހައިދިނީ ޗެންޗޯ ގައިލްޝަންއެވެ.

މި ނަތީޖާއާއެކު އަދި މިހާތަނަށް ނޕޮއިންޓެއް ނުލިބި، ބޫޓާން މުބާރާތުން ކަޓާފައިވާއިރު، 6 ޕޮއިންޓާއެކު ގްރޫޕް ލީޑް ކުރަނީ ލުބުނާނެވެ. އަދި ބަންގްލަދޭޝާ ރާއްޖެއަށް ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ.