އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް "ބީ"ގެ ތިން ވަނަ މެޗުގައި ބަނގުލަދޭޝާ ވާދަކޮށް 3-1 ބަލިވެ ރާއްޖެއަށް މުބާރާތުގައި ކުރިއަށްދާން ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.

ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުން މި މެޗުން ބަންގާޅު މޮޅުވީ ރާއްޖޭން ލަނޑެއް ޖަހައި މެޗުގެ ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.

މިމެޗުގެ 17 ވަނަ މިނިޓްގައި ރާއްޖެއަށް މެޗުގެ ލީޑު ނަގައިދިނީ، ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ. ނަމަވެސް، ބަންގާޅުން ވަނީ، ފުރަތަމަ ހާފުގެ 42 ވަނަ މިނިޓްގައި ރަކީބު ހުސައިން ޖެހި ލަނޑާއެކު ނަތީޖާ ހަމަހަމަކޮށް، 67 ވަނަ މިނިޓްގައި ޠާރިޤް ކާޒީ ޖެހި ލަނޑާއެކު ލީޑުނަގައި، 90 މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ރާއްޖެ ބަލިކޮށްފައެވެ.

މި ނަތީޖާއާއެކު، ގްރޫޕްގައި ބަންގާޅަށްވެސް އަދި ރާއްޖެއަށްވެސް ދެމެޗު ކުޅެގެން 3 ޕޮއިންޓް ލިބިފައިވާއިރު، ސެމީން ޖާގައެއް ހޯދަން ރާއްޖެ ޖެހޭނީ ވަރުގަދަ ލުބުނާނު ބަލިކުރާށެވެ. އަދި ބޫޓާން ބަންގާޅު މެޗުގެ ނަތީޖާއަށް މަޑުކުރާށެވެ.