އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް "އޭ"ގެ ތިން ވަނަ މެޗުގައި، ޕާކިސްތާނާ ވާދަކޮށް 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ކުވޭތުން މި މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 10 ވަނަ މިނިޓްގައެވެ. އެލަނޑު ކުވޭތަށް ޖަހައި ދިނީ، ޙަސަން އަލް އިނާޒީއެވެ. އަދި އޭގެ 7 މިނިޓް ފަހުން، މުބާރަކް އަލް ފަނީނީ ވަނީ ކުވޭތުގެ 2 ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ކުވޭތުގެ 3 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މުބާރަކެވެ.

ކުވޭތުގެ 4 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 69 ވަނަ މިނިޓްގައި ޢީދު ނާސިރް އަލް ރަޝީދީއެވެ.

މި ނަތީޖާއާއެކު، ކުވޭތަށް ވަނީ ކުޅުނު 2 މެޗުން 6 ޕޮއިންޓް ފައިދާ 6 ލަނޑާއެކު ގްރޫޕްގެ އެއްވަނަ ލިބިފައެވެ. ގްރޫޕްގެ ދެވަނައިގައި މިވަގުތު 3 ޕޮއިންޓް ފައިދާ 4 ގޯލާއެކު އޮތީ އިންޑިއާއެވެ.

މިއަދު މި ގްރޫޕްގެ އިތުރު މެޗެއް ކުޅޭނެއެވެ. އެމެޗްގައި ވާދަކުރާނީ އިންޑިއާ ނޭޕާލެވެ.