ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި މިއަދު ވާދަވެރި ޕާކިސްތާނާ ދެކޮޅަށް އިންޑިއާ ކުޅުނު ފޯރިގަދަ މެޗުގައި 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޑިއާ މޮޅުވެއްޖެއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި  ކުޅުނު ފޯރިގަދަ މެޗުގައި އިންޑިއާގެ ފުރަތަމަ ލަނޑު ކެޕްޓަން ޗެތްރީ ކާމިޔާބުކުރީ، 10 ވަނަ މިނިޓްގައެވެ. އަދި އެޓީމަށް ލިބުނު ދެ ޕެނަލްޓީން ޗެތްރީ އޭނާގެ ހެޓްރިކް ހެދީ 16 ވަނަ މިނިޓާއި، 73 ވަނަ މިނިޓްގައެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އިންޑިއާގެ ކޯޗް އީގޯ ސްޓީމެކް އަށް ރަތްކާޑެއް ދައްކައި ދަނޑު ފޮނުވާލި ފޯރިގަދަ މެޗުގައި އެޓީމުގެ ފަހު ލަނޑު 81 ވަނަ މިނިޓްގައި ކާމިޔާބުކުރީ، އުދަންތާ ސިންގ ކުމާރެވެ.