މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ގްރޫޕް "އޭ"ގައި ހިމެނޭ ކުވޭތާއި، ނޭޕާލް ބައްދަލުކުރި މެޗް، 3-1 އިން ކުވޭތު މޮޅުވެއްޖެއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި  މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި ކުވޭތަށް މެޗުގެ ލީޑު ނަގައި ދިނީ 23 ވަނަ މިނިޓްގައި ޚާލިދު ހައްޔާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރީން 42 ވަނަ މިނިޓްގައި ޝަބާއިބް އަލް ޚަލްދީ ވަނީ، ލަނޑެއް ޖަހައި ނަތީޖާ 2-0އަށް ބަދަލުކޮށްފައެވެ.

ކުވޭތުގެ 3 ވަނަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން 63 ވަނަ މިނިޓްގައި ޖަހައިދިނީ، މުޙައްމަދު އަލް ދަހާމްއެވެ. މެޗުގައި ނޭޕާލްގެ ހަމަ އެކަނި ލަނޑު 69 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަންޖާން ބިސްޓާއެވެ.

މި މުބާރާތުގައި ދެން މިއަދު ވާދަކުރާނީ، ވާދަވެރި އިންޑިއާއާއި ޕާކިސްތާނެވެ.