ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް 2023، އިންޑިއާގެ ބެންގަލޫރުގައި މިއަދު ފަށައިފިއެވެ.

ޖޫން 21 އިން ޖުލައި 4 އަށް، ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާގެ އިތުރުން މި ސަރަހައްދުން ބައިވެރިވަނީ، ދިވެހިރާއްޖެ، ޕާކިސްތާން، ބަނގުލަދޭޝް، ނޭޕާލް އަދި ބޫޓާނެވެ. މީގެ އިތުރުން މުބާރާތުގެ ފޯރި ގަދަކުރުމަށް މެހެމާނުންގެ ގޮތުގައި، ލުބުނާނާއި ކުވައިތުވެސް މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.

މިއީ، ސާފް ޗެމްޕިއަންޝިޕް ބާއްވާ 14 ވަނަ ފަހަރެވެ. މިފަހަރުގެ މުބާރާތް ރާއްޖެއާއި އަވައްޓެރި ސްރީލަންކާގައި ބާއްވަން ލަންކާއިން ހުށަހެޅިއެވެ. ނަމަވެސް، 21 ޖެނުއަރީ 2023ގައި ފީފާއިން ސްރީލަންކާ ސަސްޕެންޑް ކޮށްފައިވާތީ، އެގައުމަށް މުބާރާތް ބޭވުމަށްވެސް އަދި މުބާރާތުގައި ބައިވެރިވުމަށް ވެސް ފުރުސަތެއް ނުލިބުނެވެ.

ރާއްޖޭން މި މުބާރާތް 2 ފަހަރު ކާމިޔާބުކޮށްފައިވާއިރު، 8 ފަހަރު މުބާރާތް ކާމިޔާބުކޮށް، އެންމެ ކާމިޔާބު ޓީމެއްގެ ގޮތުގައި އޮތީ، އިންޑިއާއެވެ.

މިފަހަރުގެ މުބާރާތުގައި، ރާއްޖެ ހިމެނޭ ގްރޫޕް "ބީ"ގައި ދެން ހިމެނެނީ، ލުބުނާން، ބޫޓާން އަދި ބަނގުލަދޭޝެވެ. ގްރޫޕް "އޭ"ގައި ހިމެނެނީ، އިންޑިއާ، ކުވައިތު، ނޭޕާލް އަދި ވާދަވެރި ޕާކިސްތާނެވެ.

މެޗް ޝެޑިއުލް:

21 ޖޫން: ކުވައިތު ނޭޕާލް (ގްރޫޕް އޭ)

21 ޖޫން: އިންޑިއާ ޕާކިސްތާން (ގްރޫޕް އޭ)

22 ޖޫން: ލުބްނާން ބަނގުލަދޭޝް (ގްރޫޕް ބީ)

22 ޖޫން: ރާއްޖެ ބޫޓާން (ގްރޫޕް ބީ)

24 ޖޫން: ޕާކިސްތާން ކުވައިތު (ގްރޫޕް އޭ)

24 ޖޫން: ނޭޕާލް އިންޑިއާ (ގްރޫޕް އޭ)

25 ޖޫން: ރާއްޖެ ބަނގުލަދޭޝް (ގްރޫޕް ބީ)

25 ޖޫން: ބޫޓާން ލުބްނާން (ގްރޫޕް ބީ)

27 ޖޫން: ޕާކިސްތާން ނޭޕާލް (ގްރޫޕް އޭ)

27 ޖޫން: އިންޑިއާ ކުވައިތު ( ގްރޫޕް އޭ)

28 ޖޫން: ރާއްޖެ ލުބުނާން (ގްރޫޕް ބީ)

28 ޖޫން: ބަނގްލަދޭޝް ބޫޓާން (ގްރޫޕް ބީ)

1 ޖުލައި: ސެމީ ފައިނަލްތައް

4 ޖުލައި: ފައިނަލް މެޗް