މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން، މިމަހުގެ 18ން 20ށް ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށް ގެންދިޔަ، "ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023"ގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތު އެކަމަނާ ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މުބާރާތުގެ 3 ކެޓަގަރީގެ ފައިނަލް ހީޓްތައް ކުރިޔަށް ގެންދިޔައިރު، މެޑަމް ފަޒްނާ ވަނީ ފައިނަލް ހީޓްތައްވެސް ބައްލަވާލައްވާފައެވެ. މުބާރާތުގެ ޖޫނިއަރ ޑިވިޜަން، މެންސް އޯޕަން ޑިވިޜަން އަދި ޑްރޮޕްނީ ޑިވިޜަންގެ ޗެމްޕިއަނުންނާއި 2 ވަނަ އަދި 3 ވަނަ ހޮވާފައި ވާއިރު، ޖޫނިއަރ ޑިވިޜަންގެ ޗެމްޕިއަން އެތުލީޓަށާއި، 2 ވަނަ އަދި 3 ވަނަ އެތުލީޓަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ ވެސް އެކަމަނާއެވެ.

މީގެ އިތުރުން، ބޮޑީ ބޯޑިންގއަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވި، އަދި ސަރފިންގ އެސޯސިއޭޝަންގެ ބޯޑު މެމްބަރުކަންވެސް ކުރެއްވި، އަލްމަރްހޫމް އިބްރާހީމް އަޙްމަދު ޝުކޫރުގެ ހަނދާނުގައި، ހަމަހިމޭން ކަމުގެ ސުކޫތުގައިވެސް ފަޒްނާ ބައިވެރިވެވަޑައިގަތެވެ.

ޖުމުލަ 25 އެތުލީޓުން ވާދަކުރި، "ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023" އަކީ، ޤައުމީ ބޮޑީ ބޯޑިންގ ލީގުގެ ފުރަތަމަ މުބާރާތެވެ. އަދި މިއީ މިނަމުގައި ބޭއްވި 5 ވަނަ މުބާރާތެވެ.