ރާއްޖޭގައި ކުޑަކުދީންނާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާއިރު، ސީދާ އެކުދީންގެ ޚިޔާލު ހޯދައި، އެކުދީންގެ ބައިވެރިވުމާއެކު އެފަދަ ސިޔާސަތުތައް އެކުލަވައިލާން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

"ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ" ހުޅުވުމުގެ ގޮތުން، ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުޑަކުދިންނަށް އަސަރުކުރާ ކަންކަމުގައި ގޮތްނިންމުމުގެ މަރުހަލާތަކުގައި އެކުދިންގެ ބައިވެރިވުން އޮތުން މުޙިއްމު ކަމަށެވެ. އަދި ސިޔާސަތުތައް އެކަށައެޅުމުގެ ހުރިހާ މަރުހަލާތަކުގައި ކުޑަކުދިންނަށް ބޭނުންވާ ކަންކަމާއި އެކުދިންނަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެކުދިންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެކަމަނާ އެދިވަޑައިގަންނަވާ ކަމަށެވެ.

 ކުޑަކުދިންނަކީ މުސްތަޤްބަލުގައި ބަދަލުތައް ގެނެސްދޭނެ ފަރާތްތައްކަން ފާހަގަކުރައްވައި މިއަދު ކުޑަކުދިންގެ ހެދިބޮޑުވުމަށް ކުރާ އިންވެސްމަންޓަކީ މާދަމާގެ ތަރައްޤީގެ މިސްރާބު ކަނޑައަޅައިދޭނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ"ގައި ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއިން ބައިވެރިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސަކީ މި ޤައުމުތަކުގެ ކުޑަކުދިންގެ ޙައްޤުތަކުގެ ހާލަތު އޮތްގޮތް ދެނެގަތުމާއި ތަޖުރިބާ ޙިއްޞާކުރުމާއި އަދި މި ސަރަޙައްދުގެ އޮގަނައިޒޭޝަންސްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ ކޮންފަރެންސެކެވެ.