ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އައި، ޗައިނާއަށް ނިސްބަތްވާ، ޒުވާން އަންހެނަކު، އޭނާ ފުރުމުގެ ކުރީން ރާއްޖޭގެ ރިސޯޓެއްގައި މަޑުކޮށްލިރޭ، އެ ރިސޯޓުގެ ބަޓްލަރަކު އޭނާ ރޭޕްކުރި ކަމުގެ ތުހުމަތުކޮށް، އެވާހަކަ ޓްވިޓަރގައި އާންމުކުރަމުން އެބަދެއެވެ.

އުމުރުން 26 އަހަރުގެ ޒޫ ޔިޓޮން ނަމަކަށް ކިޔާ ފަތުރުވެރިޔާ، ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުން، އޭނާ ރާއްޖެއައީ މި ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އެނބުރި ޗައިނާއަށް ދިއުމަށް ނިންމާފައިއޮތީ، ޖޫން 10ގައެވެ. ނަމަވެސް، އަދި ކުޑަ ދުވަސްކޮޅަކު ރާއްޖޭގައި މަޑުކުރުމަށް ނިންމައި، އޭނާ ދިޔައީ، ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއްކަމަށްވާ ރިޒް ކާލްޓަންއަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، އެ ރިސޯޓަށް ދިއުމުން، އޭނާއާ ހަވާލުވީ، އުޝާމް ނަމަކަށް ކިޔާ ބަޓްލަރެއް ކަމަށާއި، އަދި އޭނާގެ ފޯނު ހަލާކުވެފައި އޮތުމުން، އުޝާމް، އޭނާގެ ކޮޓަރިއަށް ގޮސް، އޭނާގެ ސިމްކާޑް އުޝާމްގެ ފޯނަށް ލައްވައި، އާއިލާއަށް ގުޅުމަށް އެހީތެރިވި ކަމަށެވެ. އަދި އެއަށްފަހު، އެ ބަޓްލަރު އޭނާއާ ގައިގޯޅިވާން މަސައްކަތްކޮށް، އެންމެ ފަހުން، ގަދަކަމުން އޭނާ ރޭޕްކުރީ ކަމަށާއި، ކަން ހިނގައި ދިޔަގޮތް، ރިސޯޓްގެ މެނޭޖްމަންޓާއި، ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށް ބުނެ އެވާހަކަތަކާއި އަދި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އަދި އޭނާ ވަނީ، އޭނާއަށް އިންސާފު ހޯދުމަށް އެހީތެރިވުމަށް އެދިފައެވެ.

މިކަމާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ކ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕުކުރިކަމަށް ތުހުމަތުކޮށް މައްސަލައެއް، މިމަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށާއި، އަދި އެ މައްސަލަ ތަހުގީގުކޮށް ބަލަމުންދާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް މިކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.