ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި، ސައިންޓިފިކް ދިރާސާތަކާއި ސިޔާސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށްދާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަން (އައި.އާރު.އައި) އިން "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން" ނަމުގައި ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ކޮންފަރެންސްގެ މިފަހަރުގެ ޝިޢާރު ކަމަށްވާ "ބްރޭކް ތްރޫ އެކްސެލެންސް: އެޗީވިންގ އަ ނެޓްވޯކް ކޮމިއުނިޓީ"އަށް އަލިއަޅުއްވާލައްވައި ފައިސަލް ވިދާޅުވީ، އިޖުތިމާޢީ މައްސަލަތައްކަމުގައިވާ، ފަޤީރުކަން ނައްތާލުމާއި، ހަމަހަމަކަން ޤާއިމްކުރުމާއި މޫސުމީ ބަދަލުތައް ފަދަ އެތައް ގޮންޖެހުންތަކެއް މިއަދު ކުރިމަތިވެފައިވާކަމަށާއި، އެކަންކަމަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ޢިލްމާއި ފަންނުވެރިކަން ޙިއްޞާކުރުމުގެ ޘަޤާފަތުގެ މައްޗަށް ބިނާކޮށް، އެމައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމުގެ މުހިއްމުކަމަށެވެ.

ތަޢުލީމާއި ވަޒީފާ އާއި ޞިއްޙީ ދާއިރާ ފަދަ ހުރިހާ ދާއިރާތަކެއްގައި ވެސް ޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އެކްޝަން ޕްލޭން ފަރުމާކުރެވިފައި ވަނީ ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަޤުބަލަކަށްޓަކައި، ދެމެހެއްޓެނިވި ތަރައްޤީގެ ދަނޑުދަނޑިތަކާއި އެއްގޮތްވާނޭގޮތަށް ސައިންޓިފިކް ދިރާސާތައްކޮށް، ސިޔާސަތުތައް އެކަށައަޅައިގެން ކުރިޔަށް ދިޔުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ދުނިޔެ އާއި ދުނިޔޭގެ މުސްތަޤުބަލް ރައްކާތެރިކުރުމަށްޓަކައި ޒުވާނުން މިހާރުން މިހާރަށް މަސައްކަތްތައް ކުރުމަށް ގޮވާލައްވަމުންނެވެ.

ވިލާ ކޮލެޖުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން (އައި.ސީ.އެސް.އާރު.އައި) އަކީ، އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނާއި، އިލްމުވެރިންނާއި ދަރިވަރުންނާއި ސިނާޢަތްތަކުގެ ތަޖުރިބާކާރުންނަށް އެ މީހުންގެ ދިރާސާތަކުގެ ހޯދުންތައް ހުށައަޅައި، ގުޅުންތައް ބަދަހިކޮށް، އާ ޚިޔާލާއި މަޝްވަރާތަކުގައި ބައިވެރިވުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.