މިހިނގާ 1444ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ އެންމެ ފުރަތަމަ ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ޙައްޖާޖީންނަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ހޯމަދުވަހު ފުރި 295 ޙައްޖާޖީންނާއި އެފަރާތްތަކުގެ ޢާއިލާތަކާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައިވެސް ރައީސް އިބްރާހީމް ހަމަޖައްސަވާފައިވާ، އެމަނިކުފާނުގެ ނައިބު ރައީސް ވަނީ ޙައްޖާޖީންގެ ޙާލު ބައްލަވައިލައްވައި ދަތުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

އަދި ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިވެހި ޙައްޖާޖީންގެ ކަންކަން ފުރިހަމަކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެބޭފުޅުންގެ އިންތިޒާމުތައް ސަރުކާރުން ވަރަށް ގާތުން ބަލާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ހުރިހާ ޙައްޖުވެރިންނަށް ދެއްވައި، މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ.

މިއަހަރުވެސް ޙައްޖާޖީން ފުރުމަށްޓަކައި އެއަރޕޯޓަށް ގެންދިޔުމުގެ ކަންކަން ސަރުކާރުން ވަނީ އިންތިޒާމްކޮށްދީފައެވެ.