ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިނެއް ގާއިމުކޮށް އިފްތިތާހު ކޮށްފިއެވެ.

މިއަދު ހެނދުނު، ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި، ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިން 1484 އިފްތިތާހުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިއީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޔުނިސެފާއި، ޑަބްލިޔު.އެޗް.އޯ ގެ އެހީތެރިކަމާއި އެކުގައި ގާއިމްކުރި ހެލްޕް ލައިނެކެވެ. މިހެލްޕްލައިންގައި މަސައްކަތްކުރައްވާ ކައުސިލަރުން ތަމްރީން ކުރުމާއި ހެލްޕްލައިން ޚިިދުމަތް ފޯރުކޮށްދޭނެ އުޞޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑްކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހެލްޕްލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ، މި ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން، ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށް ލިބޭނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.