ނިޒާމީ ނުކުތާގެ އޮއިވަރެއްގައި ޖައްސައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުން ހުރަސްއަޅުއްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބުރައީސް އީވާ ޢަބްދުﷲއަށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފައިވާތީ، މަޖިލީހުގެ މިއަހަރުގެ 11 ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފެވެ. 

ނަމަވެސް، ޖަލްސާ ފެއްޓެވުމާއެކު، މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން ވަނީ، އަފީފު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލުކުރައްވައި، ނިޒާމީ ކޯޅުމަކަށް މަޖިލިސް ދުއްވާލައިފައެވެ. 

މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ އިތުރުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން، އެ ދެ ބޭފުޅުން ރިޔާސަތުގައި އިންނެވުމަށް ވަގުތީ ގޮތުން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އަންގަވާފައިވާތީ، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ބ)ގެ ދަށުން ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ހަސަން އަފީފަށް ދަޢުވަތު ދެއްވާފައެވެ. ނަމަވެސް، މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން ވަނީ، އަފީފުގެ ހައިސިއްޔަތާމެދު ސުވާލު އުފައްދައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅައިފައެވެ.