ތުރުކީގެ އިސްތަންބޫލުގައި ކުޅުނު، ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި، އިޓަލީގެ އިންޓަރ މިލާން ބަލިކޮށް، އިނގިރޭސި ޗެމްޕިއަންސް މެންޗެސްޓަރ ސިޓީން ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފިއެވެ. 

އަބޫދާބީ ޔުނައިޓެޑް ގްރޫޕްގެ ވެރިޔާ، ޝެއިޚް މަންސޫރު ބިން ޔަޒީދު އަލް ނަހްޔާން މީގެ 15 އަހަރު ކުރީން، އެތަކެއް މިލިއަން ޑޮލަރު ޚަރަދުކުރަމުން ގެންދިޔަ ކްލަބަށް ޔޫރަޕްގެ ތަށި ލިބުމުން އެ ކްލަބުން ދެކެމުން އައި ޒަމާންވީ ހުވަފެން ހަގީގަތަކަށްވީއެވެ. 

ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ އިންޓަރ މިލާން އަތުން 1-0 އިން މޮޅުވެ މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުން ސިޓީ ވެގެން ގޮސްފައި ވަނީ، އިނގިރޭސި ވިލާތުގައި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު އެއް ސީޒަނެއްގައި ހޯދި ދެވަނަ ޓީމަށެވެ. މީގެ ކުރީން އެ ރެކޯޑް އޮތީ ވާދަވެރި މަންޗެސްޓަރ ޔުނައިޓެޑަށެވެ. އަދި ސިޓީއަކީ ޗެމްޕިއަންސް ލީގު ހޯދި އިނގިރޭސި ކްލަބްތަކުގެ ތެރޭން ހަވަނަ ކްލަބެވެ. 

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެެއް ފެނިގެން ދިޔަ މި މެޗުގައި، އިންޓަރއަށް ލީޑު ނަގާން ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް އޭގެ ބޭނުމެއް ނުހިފުނެވެ. މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ، 68 ވަނަ މިނިޓްގައި ރޮޑްރީއެވެ.