ރެއާލް މެޑްރިޑްގައި 14 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރުމަށް ފަހު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި، ފްރާންސްގެ ތަރި ކަރިމް ބެންޒީމާ ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް އިއްތިހާދާ ގުޅެން ނިންމައިފިއެވެ. 

މިހާރު އުމުރުން 35 އަހަރުގެ ބެންޒީމާ ވަނީ، ރެއާލްގައި ހޭދަކުރި 14 އަހަރު ތެރޭގައި، ޗެމްޕިއަންސް ލީގު 5 ޓްރޮފީއާއެކު ޖުމްލަ 25 ޓްރޮފީ ކާމިޔާބުކޮށްފައެވެ. 

ބެންޒީމާ ވަނީ، ރެއާލްއަށް 354 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާއަށް ވުރެ ގިނައިން ރެއާލަށް ލަނޑު ޖަހައިދިން، ޕޯޗްގީޒް ތަރި، އަދި ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މިހާރު ކުޅެމުން އަންނަނީ ސައުދީ ލީގުގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ އަލް ނަސްރަށެވެ. ރޮނާލްޑޯ ވަނީ ރެއާލްގައި ހޭދަކުރި މުއްދަތުގައި އެޓީމަށް 450 ލަނޑު ޖަހައިދީފައެވެ.

ބެންޒިމާ ބުނީ، އޭނާއަށް ސްޕެއިނާއި ޔޫރަޕްގައި އެތަކެއް ކާމިޔާބީ ހާސިލްކުރެވިފައިވާ ކަމަށާއި، ވިލާތުން ބޭރުގައި މިހާރު ކުރިމަތި ލަނީ މުޅިން އާ މަޝްރޫއަކާ ކަމަށެވެ. އެގޮތުން ސައުދީ ލީގަކީ، މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ، އަދި މުސްތަގުބަލު އޮތް ލީގެއް ކަމަށާއި، އޭނާގެ ގާތް އެކުވެރިއެއްކަމަށްވާ ރޮނާލްޑޯވެސް މިހާރު ސައުދީ ލީގުގައި ހުރުމުން، މި ލީގާވެސް ކުރިމަތިލާނީ ކާމިޔާބީތަކެއް ހޯދައި، ސައުދީ ލީގު ވަރުގަދަކުރުމަށް އެހީތެރިވުމަށް ކަމަށްވެސް 3 އަހަރުގެ އެއްބަސްވުމެއްގައި އިއްތިހާދާ ގުޅެން ނިންމާފައިވާ ބެންޒީމާ ބުނެއެވެ.