މާލެ — ސްޕޮންސަރކޮށްގެ ނުވަތަ ވިޔަފާރީގެ އުސޫލުން ގެނެސްދޭ ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ތެރެއިން އުފައްދާ ޚަބަރުތަކާއި ޚިޔާލުތައް ވަކިވާނެހެން، ސާފު އަދި ދެފުއްފެންނަ އުސޫލުތަކެއް ގެންގުޅުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރާއްޖޭގެ ހުރިހާ މީޑިއާ އައުޓްލެޓްތަކަށާއި އެޑިޓޯރިއަލް ވެރިންނަށް ގޮވާލައިފިއެވެ.

އެމްޖޭއޭއިން ފާހަގަކުރިގޮތުގައި، މީޑިއާގެ އިތުބާރު ހިފެހެއްޓުމާއި، އެޑިޓޯރިއަލް މިނިވަންކަން ނަގަހައްޓައި، މަސައްކަތްކުރާ ނޫސްވެރިން ނުރައްކާތެރި ނުވަތަ ނާޒުކު ހާލަތްތަކަށް ހުށަހެޅިޔަ ނުދިނުމަށްޓަކައި ވިޔަފާރި އުސޫލުން ޝާއިއުކުރާ ތަކެއްޗަކީ ކޮން އެއްޗެއްކަން ވަރަށް ސާފުކޮށް އެނގޭނެހެން ލޭބަލްކުރަން ޖެހޭނެއެވެ. މީގެ އިތުރުން، ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ހަވާލާދީ، ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލިގެންދިޔަ ނުދިނުމަށް މީޑިއާތަކުން ސަމާލުވާންޖެހޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެމްޖޭއޭއިން މިފަދައިން ގޮވާލާފައި މިވަނީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ސްޕޮންސަރުގައި ޔޫއޭއީއަށް ގޮސް އެ ކުންފުނިން ކުރިއަށް ގެންދާ އެކި މަޝްރޫއުތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ސީރިއަސް އިންޒާރުތަކެއް ސޯޝަލް މީޑިއާގައި ދެމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް މައްސަލަވެސް ހުށަހަޅައިފައެވެ. އަދި، އެ ނޫސްވެރިންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ފުލުހުންގެ ކިބައިން އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނޭކަން އެމްޖޭއޭއިން ވަނީ ތަކުރާރުކޮށްފައެވެ. އަދި ވާޖިބު އަދާކުރުމުގެ މަތީގައި ތިބޭ ނޫސްވެރިން ނުރައްކަލަށް ހުށަހެޅޭފަދަ ކަންކަމުން އެއްކިބާވެ ތިބުމަށް އާންމުންގެ ކިބައިންވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.