މާލެ — މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކުރައްވައި ފަރުޝަތު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާ އެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަންކަން ރާވައި ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރުމުން އިސްތިއުފާ ދެއްވާފައި ކަމަށެވެ.
އެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، މީޑިއާތަކަކީ އިލްމީ ގޮތުންނާއި މާލީ ގޮތުންނާއި ތަސައްރުފުގެ ގޮތުން މިނިވަން މާހައުލެއްގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާ އަދާކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނުން ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންގެ މައްޗަށް މަގު ދައްކާފައިވަނީ، ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހުލާގީ ގަވާއިދު ދަމަހައްޓައި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ވާޖިބުތައް އަދާކުރުމަށް ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
ފަރުޝަތު ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކުރެއްވީ މީގެ 1 އަަހަރު ކުރިން، 27 އޮކްޓޫބަރ 2025ގައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހަތް މެމްބަރުން ހިމެނެއެވެ. އެއީ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނެވެ. ފަރުޝަތަކީ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ.
ފަރުޝަތު އިސްތިއުފާ ދެއްވުމުން މިހާރު ކޮމިޝަނުގައި ތިއްބެވީ:
- ޒަމްޢަތު އަޙްމަދު ވަޙީދު (ކޮމިޝަނުގެ ނައިބު ރައީސް އަދި މީޑިއާ ތަމްސީލްކުރާ)،
- ޞަފާ ޝަފީޤަކީ (މަޖިލީހުން ކަނޑައެޅި)،
- އާމިނަތު ޞަރާހަތު ޢިއްޒަތު (މަޖިލީހުން ކަނޑައެޅި)،
- ޢަބްދުލް ޢަޒީޒް އިބްރާހީމް (މީޑިއާ ތަމްސީލްކުރާ)،
- ޙުސައިން ޘަޤީފް (މީޑިއާ ތަމްސީލްކުރާ) އަދި
- ސިމާޙާ ނަސީމް (މީޑިއާ ތަމްސީލްކުރާ)



ޚިޔާލުތައް
0 ޝާއިއުކުރީޝާއިއުކުރި ޚިޔާލެއް އަދި ނެތް.