މާލެ — ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ބަދުނާމުކުރުމުގެ ކެމްޕޭންތައް ހިންގަމުންދާތީ، އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައިދިނުމަށާއި ނޫސްވެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އެދި މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަށް އެމްޖޭއޭއިން ފޮނުވި ރަސްމީ ސިޓީއެއްގައި މި މައްސަލަ ހުށަހަޅާފައިވަނީ، ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ޔޫއޭއީގެ ޑިވެލޮޕަރެއް ކަމަށްވާ އީގަލް ހިލްސްގެ ދަޢުވަތަކަށް ޔޫއޭއީއަށް ދަތުރުކުރި ނޫސްވެރިންތަކަކަށް އަމާޒުކޮށް، ސޯޝަލްމީޑިއާ ޕްލެޓްފޯތަކުގައި ހިންގަމުންދާ ކެމްޕޭންތަކާ ގުޅިގެންނެވެ. އެމްޖޭއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ ނޫސްވެރިންގެ ފޮޓޯތައް އާންމުކޮށް، އެ މީހުންނާ މެދު ނަފްރަތު އުފެއްދުމަށް ހާއްސަ ވީޑިއޯތައް ވަނީ އުފައްދާފައެވެ.

މި ކެމްޕޭންތަކުގެ ސަބަބުން އެ ނޫސްވެރިންނަށް ވަރަށް ބޮޑެތި އިންޒާރުތަކާއި، އެއީ "ޚާއިނުން" ކަމަށާއި، "ޒަޔަނިސްޓުން" އަދި "ޔަހޫދީން"ގެ ގޮތުގައި ސިފަކޮށް ބަދުނާމުކުރުމުގެ އަމަލުތައް އަމާޒުވަމުންދާކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. އަދި ނޫސްވެރީން ދުބާއީން ގެނެސްދިން ޚަބަރުތަކުގެ ވައްޓަފާޅިއަށް އަމާޒުކޮށް، މާރާމާރީ ހިންގުމަށާއި ފުރާނައަށް ގެއްލުންދޭނެ ކަމުގެ ބިރުދެއްކުންތައް ފޯރަމުންދާކަމަށް ބުނެފައިވެއެވެ. މިފަދަ ނުރައްކާތެރި އަމަލުތައް އިތުރުވަމުންދިއުމަކީ ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ. އަދި ޔޫއޭއީ ދަތުރަށްވުރެ ކުރިންވެސް މީޑިއާގެ ފަރާތްތަކަށް އަމާޒުކޮށް އޮންލައިންކޮށް ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމްޖޭއޭއިން ވަނީ، މި ކަމަކީ އެންމެ އިސްކަމެއްދީގެން ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި ބަލައި، އެ ލިޔުންތަކާއި ކެމްޕޭންތަކުގެ ފަހަތުގައި ތިބި ފަރާތްތައް ތަޙުޤީޤު ކުރުމަށާއި، ނޫސްވެރިންގެ ސަލާމަތީ ނުރައްކާތެރިކަން ވަގުތުން ދެނެގަނެ، ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކަށް ފުލުހުންގެ ރައްކާތެރިކަން ހޯދައިދިނުމަށް އެދިފައެވެ.

އެމްޖޭއޭގެ ރައީސް ނާއިފް އަޙްމަދު ވިދާޅުވީ، އެއްވެސް ނޫސްވެރިއަކު އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން އަމިއްލަ ނަފްސުގެ ރައްކާތެރިކަމާމެދު ނުވަތަ އާއިލާގެ ސަލާމަތާމެދު ބިރުގަންނަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެގެން ނުވާނެ ކަމަށެވެ. ނޫސްވެރިންގެ ފޮޓޯތައް އާންމުކޮށް ޚާއިނުންގެ ގޮތުގައި ސިފަކުރުމާއި، ރޭވިގެން ހިންގާ ފުރައްސާރަކުރުމުގެ ކެމްޕޭންތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާތެރި ހަމަލާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި އެޑިޓޯރިއަލް ޚިޔާލުތުފާތުވުންތައް އަމާޒުކޮށްގެން ހިންގާ ނުރައްކާތެރި ފުރައްސާރައަށް ބަދަލުވެގެން ނުވާނެ ކަމަށް ވިދާޅުވެ، މި މައްސަލަ ސީރއަސްކޮށް ބަލައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް ގޮވާލެއްވިއެވެ.

މީގެއިތުރުން، ސްޕޮންސަރޑް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ރިޕޯޓްތައް ފާހަގަވާނޭހެން ބެހެއްޓުމަށް ހުރިހާ މީޑިއާތަކަށާއި އެޑިޓޯރިއަލްގައި ތިބޭ ފަރާތްތަކަށް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ. ނޫސްވެރިންގެ އަޚްލާޤީ މިންގަނޑަށް ރިޢާޔަތްކޮށް، ވިޔަފާރީގެ އުޞޫލުން ކުރިއަށްގެންދާ ޕްރޮމޯޝަނަލް ކަންކަން ސާފުކޮށް އެނގޭނެހެން ޝާއިޢުކުރުމަށް އެ އެސޯސިއޭޝަނުން ހަނދާންކޮށްދީފައިވެއެވެ.

ނޫސްވެރިންގެ ޙައްޤުތަކާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެމުން، މީޑިއާގެ ވާޖިބު އަދާކުރުމުގައި ތިބޭ ނޫސްވެރިންގެ ފުރާނައަށާއި ސަލާމަތަށް ނުރައްކާވާފަދަ ޢަމަލުތަކުން އެއްކިބާވުމަށް އާންމުންގެ ކިބައިން އެމްޖޭއޭއިން އެދިފައިވެއެވެ.