މާލެ، 27 އޮކްޓޫބަރ 2026 — މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން، ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި ރެކޯޑު އަދާހަމަކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ކޮމިޝަނުން މިއަދު ޢާންމުކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން، ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާ ހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ އާ ޤަވާޢިދަށް ޢަމަލުކުރާން ފެށުމުގެ ކުރީން ރެޖިސްޓަރީކޮށް ހިންގަމުން އައި އެންމެހައި ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރެކޯޑުތައް އަދާހަމަކުރުމަށް، އެމްއެމްބީސީން ދީފައިވާ 6 މަސްދުވަހުގެ މުއްދަތު މިއަދު 27 އޮކްޓޯބަރ 2026އަށް ހަމަވާނެއެވެ. ނަމަވެސް، ކޮމިޝަނުން މިއަދު ވަނީ އެ މުއްދަތު އިތުރުކުރާން ނިންމައިފައެވެ.

އާ ގަވާއިދުގެ ދަށުން ހުރިހާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި ރެކޯޑު އަދާހަމަކުރާންޖެހެއެވެ. އަލަށް ދޫކުރާ ރަޖިސްޓްރީގެ މުއްދަތަކީ ފަސް އަހަރެވެ. އަދި އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އަނެއްކާވެސް ރަޖިސްޓްރީ އާކުރާން ހުށަހަޅާން ޖެހެއެވެ.

ކުރިން ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުން އައީ ޔޫތު މިނިސްޓްރީންނެވެ. އޭގެ ކުރީން ހޯމް މިނިސްޓްރީންނެވެ. މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ތަސްދީގުކުރުމާ ގުޅިގެން އެމްއެމްބީސީ އުފެއްދުމުން، މި މަސައްކަތް ކޮމިޝަނަށް ވަނީ ބަދަލުކޮށްފައެވެ. އަދި ކުރީން އެއްވެސް އިތުރު ފީއަކާ ނުލައި ދެމުން އައި ޚިދުމަތަށް މިހާ ބޮޑު ފީއެއް ނަގާން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމާ ގުޅިގެން ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.