ފަލަސްތީނުގެ މުޖާހިދުން އެމީހުންގެ އަމިއްލަ ވަޒަން ދިފާއު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަކީ ސައްހަ އަދި ގާނޫނީ ކަމެއްކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. ޚާމަނާއީ މިހެން ވިދާޅުވީ، ސަހްޔޫނީންގެ އަނިޔާވެރިކަމާ ދެކޮޅަށް، ހަމާސްއިން ދިން ވަރުގަދަ ހަމަލާތަކަށް އަހަރެއްވާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ދެއްވި ހުކުރު ޚުޠުބާއެއްގައެވެ.
ހުކުރު ދުވަހު، ތެހެރާނުގެ މުޞައްލާ މިސްކިތުގައި، ރައިފަލެއް ހިއްޕަވައިގެން ހުންނަވައި ދެއްވި ހުޠުބާގައި ޚާމަނާއީ ވިދާޅުވީ، ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، އެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ސަހްޔޫނީ ޓެރަރިސްޓުން އެތަނުން ބޭރުކޮށްލުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ ޖިހާދަކީ ގާނޫނީ ގޮތުން ބާރުލިދޭ، ސައްޙަ މަސައްކަތްތަކެއް ކަމަށެވެ.
ޚާމަނާއީ ވަނީ ފަލަސްޠީނުގެ ބިމާއި ރައްޔިތުން، އިޒްރޭލުގެ އަނިޔާވެރިކަމާއި ޙަމަލާތަކުން ދިފާޢުކުރާން ފަލަސްތީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވާފައެވެ. އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކުން ބަލައިގަންނަ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި އިނގިރޭސީން ހިމެނޭގޮތަށް ހުޅަނގުގެ ބައެއް ގައުމުތަކުގެ މަދަދާއެކު ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ސަހްޔޫނީ ގުންޑާއިންގެ ބައިގަނޑު "އިޒްރޭލަށް" ތާއީދުކުރާ ކަމަށް ބުނެ ޚާމަނާއި ވަނީ އެމެރިކާ އަށާއި އެ ގައުމުގެ ބައިވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަލާމަތާއި ސުލްހައަށް ގެއްލުންވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރ 7 ވަނަ ދުވަހުން ފެށިގެން ސަޙްޔޫނީ ޓެރަރިސްޓުން ފަލަސްތީނުގެ ޣައްޒާއަށް މެދުކެނޑުމެއް ނެތި ދެމުން ގެންދާ ހަމަލާތަކުގައި، ޣައްޒާގެ ޢުމްރާނީ ވަސީލަތްތައް ވަނީ އެއްކޮށް ފުނޑުފުނޑުކޮށްލައިފައެވެ.
ހުޅަނގާއި އެމެރިކާގެ އެހީތެރިކަމުގައި ސަހްޔޫނީން ހިންގަމުންދާ މި ލާއިންސާނީ ޖަރީމާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 41،615 މީހުން ޝަހީދުވެ، 96،359 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.