ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ސަޙްޔޫނީ ޓެރަރިސްޓް ބައިގަނޑު (އިޒްރޭލް)އާ އީރާނާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުން ތަކުގައި އިޒްރޭލަށް ވާގިވެރިވާ ކޮންމެ ގައުމަކީ އަދި ބަޔަކީވެސް އީރާނުގެ ދުޝްމަނުން ކަމަށާއި އަދި އެފަދަ ހުރިހާ އަމާޒުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނޭކަމަށް ވިދާޅުވެ، އީރާނުން އދ.އަށް ކަނޑައަޅާފައިވާ ސަފީރު އާމިރު ސައީދު އިރާވާނީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި އިރާވާނީ ވިދާޅުވީ، އީރާނާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލާތަކުގައި، އިޒްރޭލަށް އެހީތެރިވެދޭ، އަދި ބައިވެރިވާ ކޮންމެ ގައުމަކީވެސް އީރާނާ ދެކޮޅަށް ހަނގުރާމަކުރާ ޝަރުއީ އަމާޒެއް ކަމަށް ބަލާނޭކަމަށެވެ.
"އަޅުގަނޑުމެންގެ ނަސޭހަތަކީ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެއްވެސް ބަޔަކު ނުވަދެ، ހަނގުރާމައިން ދުރުގައި ތިބުން،" ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުން ދާއިރުވެސް، އިޒްރޭލުގެ އަނިޔާވެރިކަން ނުހުއްޓައި ކުރިއަށް ގެންދާކަމަށާއި، އެގޮތުން ސަޙްޔޫނީންގެ ކުރިމަތީ އީރާން ކުޑަކަކޫ ނުޖަހާނޭކަމުގެ އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވިއެވެ.
މާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އާއި ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ހަސަން ނަސްރުالله އަދި އައިއާރްޖީސީގެ ޖެނެރަލް އައްބާސް ނިލްފޮރޫޝާން އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހުސްވި ހަފްތާގައި އީރާނުން ވަނީ، "އޮޕަރޭޝަން ޓްރޫ ޕްރޮމިސް2"ގެ ނަމުގައި ހިފާފައިވާ ފަލަސްތީނުގައި ސަހްޔޫނީން ޤާއިމުކޮށްފައިވާ މަރުކަޒުތަކަށް 180 ވަރަކަށް މިސައިލް ހަމަލާ ފޮނުވާލައިފައެވެ. އަދި ސަޙްޔޫނީ ޓެރަރިސްޓުން ވަނީ، އެމެރިކާގެ މަދަދާއެކު އީރާނުގެ ހަމަލާގެ ބަދަލު ހިފާނެކަމަށް ބުނެ އިންޒާރު ދީފައެވެ.
އައިއާރްޖީސީން ބުނީ މި އޮޕަރޭޝަނަކީ އދ.ގެ ޗާޓަރުގައިވާ ގޮތުގެ މަތިން އަމިއްލަ ނަފްސުގެ ދިފާއުގައި އެގައުމަށް ލިބިދީފައިވާ ހައްގާއި، ލުބުނާނާއި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ތާއީދުކުރާ ޖަރީމާތައް އިތުރުވަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.