އެމެރިކާއާއި އެނޫންވެސް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ފަރާތްތަކުގެ ތާޢީދާއެކު އިޒްރޭލަށް ހިޒްބުﷲގެ މައްޗަށް ޓެކްނޯލޮޖީގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ނަަވެސް، އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހިޒްބުﷲ ކަކޫމައްޗަ ތިރި ނުވާނެކަމަށް އެ ޖަމާޢަތުގެ ވެރިޔާ، ޙަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ. 

މިދިޔަ އަންގާރަ އަދި ބުދަދުވަހު، ހިޒްބުﷲގެ މުވާސަލާތީ އާލާތްތަކެއް (ޕޭޖަރާއި ވޯކީޓޯކީތަކެއް) ގޮއްވާލައިގެން ހިންގާފައިވާ ހަމަލާއާ ގުޅިގެން ޙަސަން ނަސްރުﷲ ދެއްވި ތަގުރީރެއްގައި ވިދާޅުވީ، ހަނގުރާމައިގައި އަޑިގުޑަންތައް ގިރާކުރާން ޖެހޭނޭ ކަމަށާއި، ކުރިއަށް އޮތްތާނގައި ހިޒްބުﷲ އިތުރަށް ވަރުގަދަކޮށް، ހިތްވަރާއެކު ނުކުންނަވާނޭކަމަށެވެ.

ހިޒްބުﷲއަށް ތާޢީދުކުރާ ފަރާތްތަކާ މުޙާތަބުކުރައްވައި ނަސްރުﷲ ވިދާޅުވީ، މިއީ އުނދަގޫ އަދި ހީވެސް ނުކުރާވަރުގެ ބޮޑު ހިތާމަވެރި ދަނޑިވަޅެއް ކަމަށެވެ. އެހެނަސް އިޚްލާޞްތެރިކަމާއެކީގައި، އަދި ޔަޤީންކަމާ އެކީގައި، ރައްޔިތުންނަށް ވަޢުދުވަނީ، ކިތަންމެ ބޮޑު، ކިތަންމެ ވަރުގަދަ ހަމަލާއަކުންވެސް އެ ޖަމާއަތް ބައިބައިކޮށް ނުލެވޭނޭ ކަމަށާއި، އަދި ކަކޫމައްޗަށް ތިރި ނުކުރެވޭނޭ ކަމަށެވެ.

ހިޒްބުﷲގެ މުޖާހިދުން ތިބީ، ގުޑުވާ ނުލެވޭވަރުގެ ސާބިތު ޢަޤީދާއެއްގެމަތީގައި ކަން ފާހަގަކުރައްވައި ނަސްރުﷲ ވިދާޅުވީ، މިފަދަ ހާދިސާތަކުން ޢިބްރަތް ހާސިލްކޮށް، މި ލިބުނު ފިލާވަޅުތަކުގެ އަލީގައި ހިޒްބުالله އިތުރަށް ހަރުދަނާކުރައްވާނެ ކަމުގެ ވައުދުވެވަޑައިގަންނަވާ ކަމަށެވެ. 

މީގެ އިތުރުން، ޣައްޒާއަށް ތާޢީދުކުރުން ހުއްޓައި ނުލައްވާނޭ ކަމަށާއި، ކޮންމެ ނަތީޖާއެއް ނުކުތަސް އަދި ކޮންމެ ފަދަ ޙާލަތެއްގައި ވެސް، ޣައްޒާގެ ރައްޔިތުން މިނިވަކަމަށް ކުރާ ޖިހާދުގައި ލުބުނާނާއި ހިޒްބުﷲގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަން ނަސްރުﷲ ފާހަގަކުރެއްވިއެވެ. 

ހަމަ އެހެންމެ، އަދި އިޒްރޭލުގެ އުތުރުގައި ގަދަކަމުން ވަޒަވެރިގެން އުޅުނު، މިހާރު ގެއްލިފައިވާ މީހުން އަނބުރާ އެ ގެތަކަށް ނުދެވޭނެ ކަމަށް ވެސް އިޒްރޭލުގެ އޮފިޝަލުންނަށް އިޝާރަތްކުރައްވައި ނަސްރުﷲ ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު، ހިޒްބުﷲގެ މުވާސަލާތީ އާލާތްތަކެއް ގޮއްވާލައިގެން ހިންގި ޓެރަރިސްޓް ހަމަލާގައި، މިހާތަނަށް 37 މީހަކު މަރުވެފައިވާއިރު، 3،200އަަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.