މިދިޔަ އަންގާރަ ދުވަހާއި ބުދަދުވަހު، ހިޒްބުﷲގެ މުވާސަލާތީ އާލާތްތަކެއް ގޮއްވާލައިގެން، އިޒްރޭލުން ދިނީ "ޓެރަރިސްޓް ޙަމަލާއެއް" އަދި "ޤަތުލުޢާންމެއް" ކަމަށާއި، މިއީ ލުބުނާނުގެ ރައްޔިތުންނާއި އަދި އެގައުމުގެ އިސްތިގުލާލާ ދެކޮޅަށް ހަނގުރާމަ ޢިއުލާނުކުރުން ކަމަށް ހިޒްބުﷲގެ ލީޑަރު ޙަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

އިޒްރޭލުގެ ނުބައި ނިޔަތަކީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލުބުނާނުގެ އެތަކެއް ހާސް ރައްޔިތުންގެ ފުރާނަ ދުއްވާލުންކަމަށް ތަކުރާރުކުރައްވަމުން ނަސްރުﷲ ވިދާޅުވީ، އިޒްރޭލުން 4000 ޕޭޖަރަށް އަމާޒުކޮށް ހަމަލާދިނީ އެ ބޭނުންކުރާ ފަރާތްތަކާއި އަދި އެމީހުންނާއެކު އެވަގުތު ތިބިއެތައް ބަޔަކު މަރާލުމުގެ ގަސްތުގައި ކަމަށެވެ. ނަމަވެސް، ގިނަ ޕޭޖަރުތައް ހުރީ ނިއްވާލާފައި ނުވަތަ ހަލާކުވެފައި ކަމަށެވެ. އެހެންކަމުން އިޒްރޭލުގެ ހަގީގީ މަގުސަދު ހާސިލްނުވިކަމަށެވެ.

އޭނާ ވިދާޅުވީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިޒްރޭލުން ދެ މިނެޓުގެ ތެރޭގައި 5،000 މީހުން މަރާލަން މަސައްކަތް ކުރި ކަމަށާއި، މި ހަމަލާތަކަކީ ލުބްނާނާއި އަދި ދުނިޔޭގެ ތާރީހުގައި ވެސް ނުފެންނަ ފަދަ ހަމަލާތަކެއް ކަމަށެވެ. 

ޢާންމުނާ ދެކޮޅަށް މިފަދަ ގަތުލުޢާންމެއް ހިންގައި އިޒްރޭލުން މިވަނީ ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައި ކަމަށާއި، އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނޭ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.  

އެމެރިކާއާއި އަދި އެނޫންވެސް ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ފަރާތްތަކެއްގެ ތާޢީދާއި އެހީރިކަން އިޒްރޭލަށް އޮތުމުންގެ ސަބަބުން ޓެކްނޮލޮޖީގެ ގޮތުން އިޒްރޭލު އޮތީ ވަރަށް ކުރީގައި ކަން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް، މިފަދަ ޢަމަލެއްގެ ސަބަބުން، ހިޒްބުﷲ ކުޑަކަކޫ މައްޗަށް ނުގެނެވޭނޭ ކަމަށެވެ.

ހަނގުރާމައިގައި އަޑިގުޑަންތައް ގިރާކުރާން ޖެހޭނޭކަން ފާހަގަކުރައްވަމުން ނަސްރުﷲ ވިދާޅުވީ، ކުރިއަށް އޮތްތާނގައި ހިޒްބުﷲ އިތުރަށް ވަރުގަދަކޮށް، ހިތްވަރާއެކު ނުކުންނަވާނޭކަމަށެވެ. އަދި ޣައްޒާގައި މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުންވެސް ހުއްޓައި ނުލާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ޙަސަން ނަސްރުﷲގެ ތަގުރީރު ލައިވްކުރިއަށް ދިޔަ ވަގުތުގައި، އިޒްރޭލުގެ ޖެޓްތައް ދެކުނު ލުބްނާނާއި، ވެރިރަށް ބެއިރޫތު މަތީގައި ބުރުޖަހަމުން ދިޔަ މަންޒަރު ފެނެއެވެ.

ހިޒްބުﷲގެ ލީޑަރު ވަނީ، އިޒްރޭލުގެ ހަމަލާތަކުގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އަދި ހަމަލާތަކުގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާދެއްވުން އެދި ދުޢާކުރައްވާކަމަށް ވިދާޅުވެފައެވެ.