މުވާސަލާތީ އާލާތްތަކެއް ގޮއްވާލައިގެން، ލުބުނާނުގައި މިހަފުތާގައި ދިން ނުރައްކާތެރި ހަމަލާތަކުގެ ފަހަތުގައި ވަނީ، ސަހްޔޫނީ ޖާސޫސީ އިދާރާ "މޮސާދު" ކަމަށާއި، އިޒްރޭލާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާތީ، އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ)އަށް ގޮވާލައްވައިފިއެވެ.

މިކާތީ ވިދާޅުވީ، އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަކީ ހަމައެކަނި ލުބުނާނުގެ ލާބައާއި މަންފާއަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިންސާނިއްޔަތަކީ އެޅޭ ފިޔަވަޅުތަކެއް ކަމަށެވެ.  އަދި އިޒްރޭލުން މިހާރު ފަށާފައި އެވަނީ، ޓެކްނޮލޮޖީގެ ހަނގުރާމައެއް ކަމަށް ވެސް މިކްތީގެ ބަޔާނުގައި ތުހުމަތު ކުރައްވާފައިވެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ މުވާސަލާތީ އާލާތްތައް ގޮއްވާލައިގެން ދިން ހަމަލާގެ މައްސަލަ ބަލައިދިނުމަށް ލުބްނާނުން އދ.ގެ ސަލާމަތީ މަޖިލީހުގައި އެދިފައި ވަނިކޮށެވެ.

ވޯކީޓޯކީތަކާއި ޕޭޖަރުތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކާ ގުޅޭ ގޮތުން އިޒްރޭލުން އަދި މިހާތަނަށް ސީދާ އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އިޒްރޭލުގެ ބައެއް އިސް ވެރީން ވަނީ، ނުރަސްމީކޮށް މިކަމާ ގުޅުންހުރި ވާހަކަދައްކައި، އަދި އެ ހަމަލާތަކަށް ތަޢުރީފުވެސް ކޮށްފައެވެ.

ބެއިރޫތާއި ލުބުނާނުގެ އެހެނިހެން ސަރަހައްދުތަކުގައި ދިން ހަމަލާތަކުގައި ކުޑަ ދެކުޖަކުވެސް ހިމެނޭހެން 32 މީހަކު މަރުވެ، ތިން  ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މި ހަމަލާތަކުގައި އަނިޔާ ލިބުނު ގޮނަ ބައެއްގެ ހާލު ވަރަށް ނާޒުކުކަމަށް ރިޕޯޓުތައް ބުނެއެވެ.