ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުން، 12 މަސް ދުވަހުގެ ތެރޭގައި އިޒްރޭލުގެ ވަޒަންވެރީން ފޭބުމަށާއި، އަދި ފަލަސްތީނުގެ ބިންތައް އަޅުވެތިކުރުން ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރަކީ މިދިޔަ ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން، ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ޣައްޒާގައި އިޒްރޭލުން އަތްގަދަކޮށްފައި އޮތް އޮތުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅުމަށް ގޮވާލައި ނެރުނު ލަފައާ ގުޅިގެން ފާސްކުރި ގަރާރެކެވެ.

ވޯޓުގެ ނަތީޖާ:

  • ގަރާރާ އެއްކޮޅަށް: 124 ގައުމެއް
  • ގަރާރާ ދެކޮޅަށް: 14 ގައުމެއް
  • ވަކިކޮޅަކަށް ވޯޓުނުދޭ: 43 ގައުމެއް

މި ގަރާރުގައި، އިޒްރޭލަށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާފައިވާއިރު، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ ވަޒަންވެރީން އާބާދުކުރުން ހުއްޓާލުމަށާއި، މިހާރު ތިބި ވަޒަންވެރިން ހުސްކުރުމާއި، ހުޅަނގު އައްސޭރީގެ ތެރޭގައި، ސަޙްޔޫނީން ބިނާކޮށްފައިވާ ބޮޑު ފާރުގެ ބައިތައް ނައްތާލުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އިޒްރޭލަށް ހަތިޔާރުފޯރުކޮށްދިނުން ބައިނަލްއަގްވާމީ ގޮތުން މަނާކުރުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި، ނަސްލީތަފާތުކުރުންތަކާ މެދު އިޒްރޭލުން އަމަލުކުރާ ގޮތްތައް ބެލޭނޭ ނިޒާމެއް ގާއިމުކުރުމަށްވެސް އދ.ގެ ގަރާރުގައިވެއެވެ.

ފަލަސްޠީނުގެ ޑިޕްލޮމެޓުން ވަނީ މި ޤަރާރަކީ ފަލަސްތީނުގެ ބިންތައް ފޭރުން ނިމުމަކަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ނަމަވެސް އިޒްރޭލުން ވަނީ "މިއީ ޑިޕްލޮމެޓިކް ޓެރަރިޒަމް"ގެ ގޮތުގައި ބުނެ ގަރާރު ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން، އެމެރިކާއާއި، އިޒްރޭލުގެ ޖަރީމާތަކަށް ތާޢީދު ކުރާ އެހެން ބައެއް ގައުމުތަކުން ވަނީ، މި ގަރާރަކީ ވަކިފަރާތަކަށް ޖެހިފައިވާ، އަދި ސަލާމަތީ ކަންކަމަށް އެކަށީގެންވާ ހައްލެއް ނުލިބޭނެ ފަދަ ގަރާރެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.

އދ.ގެ މި ނިންމުމަކީ ޤާނޫނީގޮތުން ބާރުވެރި ނިންމުމެއް ނޫންނަމަވެސް، މި ނިންމުމަކީ އިޒްރޭލާއި އަދި އިޒްރޭލަށް ބާރުވެރިވާ ފަރާތްތަކާ ދެކޮޅަށް ދުނިޔޭގެ އިއްތިފާގުވުން ދައްކުވައިދޭ ނިންމުމެކެވެ.