ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ހިޒްބުاللهގެ މެންބަރުން ބޭނުންކުރާ ޕޭޖަރތަކަށް އަމާޒުކޮށް އަންގާރަ ދުވަހު ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ.

ލުބުނާނުގެ އެކި ކަންކޮޅުތަކުގައި ހޭންޑްހެލްޑް ޕޭޖަރުތައް ގޮއްވާލައިގެން ދިން މި ނުރައްކާތެރި ހަމަލާގައި 12 މީހުން މަރުވެ، ގާތްގަނޑަކަށް 2،750 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނޭ ކަމަށާއި، މުވާސަލާތީ ވަސީލަތްތައް ގޮއްވާލުމާ ގުޅިގެން 200 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށާއި އޭގެ ތެރޭން ގިނަ މީހުންނަށް އަނިޔާފެވައި ވަނީ މޫނު، އަތް އަދި ބަނޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގެ އެކި ކަންކޮޅުތަކުގައި ޕޭޖަރުތައް ގޮއްވާލުމުގެ ސަބަބުން ބިރުވެރިކަން ފެތުރިފައިވާއިރު، މި ހަމަލާތައް އަމާޒުކޮށްގައި ވަނީ ހިޒްބުالله ޖަމާއަތުގެ ހަރަކާތްތެރީން ދިރިއުޅޭ ސަރަހައްދުތަކަށެވެ.

ޕޭޖަރުތައް ގޮއްވާލުމުގެ ސަބަބުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވެސް ކަންބޮޑުވުން އުފެދިފައިވާ އިރު، އިޒްރޭލާ ހިޒްބުﷲއާ ދެމެދު ސަރަޙައްދުގައި ހިނގަމުންދާ ހަމަލާތަކުގެ ނުރައްކަލާވެސް ޢާންމުން ދަނީ ކުރިމަތިލަމުންނެވެ.

މިއީ ކޮންބަޔަކު، ކޮން ބޭނުމެއްގައި ދިން ހަމަލާއެއްކަން އަދި މިހާތަނަށް ނުހޯދުނު ނަމަވެސް، ހަމަލާގެ އަމާޒަކަށް ވެފައިވަނީ ހިޒްބުاللهގެ މުޖާހިދުން ކަމަށްވާތީ، މިއީ އިޒްރޭލުން ކުރިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ހަމަލާގެ ސަބަބުން، ހިޒްބުﷲގެ މުއާސަލާތީ ކަންކަމުގެ ސަލާމަތާ ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ އިރު، އެ ޖަމާޢަތުން ވަނީ، ބަދަލު ހިފާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިއީ ކޮންމެ ބަޔަކު ކުރި ކަމެއްނަމަވެސް، މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުންކުރާ މުއާސަލާތީ އާލާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ޝައްކު އުފެދި ޢާންމުންގެ މެދުގައި ބިރުވެރިކަން ގެނުވާނޭ ކަމެއްގެ ގޮތުގައި ތަޖްރިބާކާރުން ދަނީ ބުނަމުންނެވެ.