އެމެރިކާގައި 2024 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ މުހިންމު މި ދަނޑިވަޅުގައި، މި އިންތިޚާބުގައި ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ ނައިބު ރައީސް ކަމަލާ ހެރިސް އާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ވަނީ، އެމެރިކާގެ ކުރިމަގާއި، ސިޔާސަތުތަކާއި އަދި ކުރިއަށް އޮތް އިންތިޚާބާ ގުޅޭ ގޮތުން ބަހުސުކޮށްފައެވެ.

ސެޕްޓެމްބަރ 11 ވަނަ ދުވަހު، ފިލަޑެލްފިއާގައި ބޭއްވި މި ބަހުސަކީ ވަރަށް ވަރުގަދަ ބަހުސަކަށް ވެގެން ދިޔައިރު، ހެރިސްގެ ވާހަކަފުޅުތައް ބޮޑަށް އަމާޒުކުރެއްވީ، ގައުމީ އެއްބައިވަންތަކަމުގެ މުޙިއްމުކަމުގެ މައްޗަށެވެ. އަދި ޓްރަމްޕުގެ ސިޔާސަތުތައް ހަރުކަށިކަން ހާމަކުރެއްވުމަށާއި، އޭނާގެ ޒާތީ ކަންކަމަށެވެ. ޓްރަމްޕް ބޮޑަށް މަސައްކަތް ކުރެއްވީ، އެމެރިކާއަށް މިވަގުތު ކުރިމަތިވަމުންދާ އެކިއެކި ނާކާމިޔާބީތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، އެމެރިކާއަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ޢާންމުންނަށް ތިލަކޮށްދެއްވުމަށެވެ. ބަހުސުގެ މައިގަނޑު ނުކުތާއަކީ ދަރިވެއްޓުމުގެ ހައްގުތައް (އެބޯޝަން ރައިޓްސް)އެވެ. 

މުހިއްމު ނުކުތާތައް:

  • ހެރިސް ވަނީ ޓްރަމްޕުގެ ކުރީގެ ޢަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް ޖެނުއަރީ 6، 2021ގައި ވޮޝިންޓަން ޑީސީގައި ހުންނަ އެމެރިކާގެ ކެޕިޓަލް ބިލްޑިންގއަށް އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ބަޔަކު ވަދަގަނެ ހިންގި ހަމަނުޖެހުންތައް އޭނާ ފާހަގަކުރެއްވިއެވެ.
  • ކަމަލާއަށް ރައްދު ދެމުން ޓްރަމްޕް އަލިއަޅުއްވާ ލެއްވީ، ބައިޑަން ހެރިސްގެ ޒަޢާމަތުގައި، އެމެރިކާއަށް ކުރިމަތިވަމުންދާ އިގްތިސާދީ މައްސަލަތަކާއި، އަދި ހިޖްރަކުރާ މީހުންގެ މައްސަލަތަކަށެވެ.

ޕޮލިސީ ކޯޅުންތައް:

  • މިހާރު އެމެރިކާގައި ވަރަށް ބޮޑަށް ހޫނުވެފައިވާ އެއް މައްސަލަކަމަށްވާ، ދަރިވެއްޓުން (އެބޯޝަން)ގެ ހައްގުތަކާ ބެހޭގޮތުން ހެރިސް ވާހަކަފުޅުދެއްކެވިއެވެ. މިކަމުގައި ޓްރަމްޕު ގެންގުޅުއްވަނީ، ހަރުކަށި، އަދި ހަނި ވިސްނުންތަކެއް ކަން ފާހަގަކުރައްވައި އޭނާ ވަނީ، ކުރިއެކޭ އެއްގޮތަށް އެކަމުގައި އަލުން ހިމާޔަތް ދެއްވާނޭކަމަށް ވަޢުދުވެވަޑައިގެންފައެވެ.
  • ކަމަލާ ހެރިސް ވަކާލާތު ކުރައްވަނީ އެބޯޝަންގެ ހައްގުތައް މުޅި ގައުމަށް ހުޅުވާލުމަށެވެ. މިއީ ހުރިހާ ސްޓޭޓެއްގައި ވެސް އެބޯޝަންގެ ހައްގުތައް އެއްހަމައެއްގައި ހިމާޔަތް ކުރެވޭނެ ފެޑެރަލް އެޕްރޯޗެއް ކަމަށެވެ. 
  • ޑޮނަލްޑް ޓްރަމްޕް ވަކާލާތުކުރަށްވަނީ ދަރިވެއްޓުމުގެ ހައްގުތައް ސްޓޭޓްތަކަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އެގޮތުން، ކޮންމެ ސްޓޭޓަކުން ވެސް އެބޯޝަން ގާނޫނެއް ކަނޑައެޅުމުގެ ފުރުސަތު އޮތުމުން، ބައެއް ސްޓޭޓްތަކުން އެބޯޝަން ހުއްދަ ދޭއިރު އަނެއް ބައި ސްޓޭޓްތަކުން އެބޯޝަން ވަކި ޙައްދުތަކެއްގެ ތެރޭގައި ހިފަހައްޓަައި ނުވަތަ މަނާކުރާނޭ ތަފާތު ގަވައިދުތަކުގެ ޕެޗްވޯކެއް އުފެއްދިދާނޭކަމަށް އޭނާ ވިދާޅުވެއެވެ.

  • ހިޖުރަކުރާ ފަރާތްތަކާ ގުޅޭ ގޮތުން، ޓްރަމްޕު ގެންގުޅުއްވާ ހަރުކަށި ވިސްނުމަކީވެސް ބަހުސުގެ ފާހަގަކޮށްލެވޭ ނުކުތާއެކެވެ. އެމެރިކާގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ޓްރަމްޕުގެ މި ސިޔާސަތު ބަދަލުކުރާން ޖެހެއެވެ.

އާންމުން ދެކޭގޮތް:

  • އެމެރިކާގެ ވާދަވެރި ރިޔާސީ 2 ކެންޑިޓޭޑުންގެ ހޫނު ބަހުސާ ގުޅިގެން ޢާންމުގެ ޚިޔާލުތައް ބައިބައިވި ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި، ބައިޑެންއާ ދެކޮޅަށް ޓްރަމްޕު ކުރިހޯއްދެވި ބަހުސާ ޚިލާފަށް، މިފަހަރުގެ ބަހުސުގައި ހެރިސް ވަނީ، ޓްރަމްޕު ފަހަތަށް ޖައްސާލައްވައިފައެވެ.
  • ބެޓިން މާކެޓްތަކާއި ކޮމެންޓޭޓަރުން ވެސް ވަނީ، ހެރިސްގެ ވާހަކަފުޅުތަކަށް ތާޢީދުކޮށް ވާހަކަދައްކައިފައެވެ.
  • ނަމަވެސް ޓްރަމްޕަށް ތާޢީދުކުރާ ފަރާތްތަކާއި، ކޮންޒަވެޓިވް ބައެއް ކޮމަންޓޭޓަރުންނާއި، ބައެއް މީޑިއާ ރިޕޯޓުތަކާއި، އަދި ޢާންމު ވެސް ވަަނީ، މުޅި ބަހުސަށް ބަލާއިރު، ބަހުސުގެ ސުވާލުތަކާއި އަދި ފޯމެޓް ރާވާފައިވަނީ، ޓްރަމްޕު ބަދުނާމުކޮށް، ޓްރަމްޕަށް ވަރަށް ބޮޑަށް "ޓާގެޓް"ކޮށްގެން ކަން ފާހަގަކޮށްފައެވެ.

މި ބަހުސުން ތިލަވެ ފެނިގެން ދިޔައީ، ރިޕަބްލިކަނުންނާއި ޑެމޮކްރޭޓުންގެ ސިޔާސަތުތަކުގައި ހުރި ބައިބައިވުމާއި، ޚާއްސަކޮށް މި ދެފިކުރު ޒާތީވެފައިވާ މިންވަރެވެ. އަދި މީގެ ސަބަބުން، މިފަހަރުގެ ރިޔާސީ އިންތިޚާބަކީ، ހޫނު، އަދި ވާދަވެރި އިންތިޚާބަކަށް ވެގެން ދާނޭކަމެވެ.