އުތުރު ކޮރެއާގެ މިސައިލް ޓެސްޓުތައް ކުރިއަށް ނުގެންދިއުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލައި އިންޒާރު ދެމުން ދިޔަނަމަވެސް އެގައުމުން ދަނީ އިތުރު ޓެސްޓު މިސައިލްތަކެއް ޖައްވަށް ފޮނުވާލުމަށް ތައްޔާރުވަމުންނެވެ. އަދި އެންމެ ފަހުން މިއަހަރުގެ މޭމަހުގެ 30ގައި ޖަޕާނު ކަނޑުގައި ކުރިއަށް ގެންދިޔަ ޓެސްޓް މިސައިލް ހަރަކާތާއެކު ސަރަހަށްދަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. 

ކިމް ޖޮން-އުންގެ ކޮރެއާއިން އެންމެ ފަހުން ޖައްވަށް ފޮނުވާލި ޓެސްޓް މިސައިލްތަކާއެކު، ސޯލުން ފެށިގެން ވޮޝިންޓަނާ ހަމައަށް، އެގައުމުތަކުގެ ދިފާޢީ ނިޒާމުތައް އިތުރަށް ވަރުގަދަކުރާން މަޖުބޫރުވާ ހާލަތުގައި، ސިޔާސީ އަދި އަސްކަރީ ލީޑަރުން އެ ތިއްބެވީ، ދެންވާކީ ކީއްކަން ޝައްކުވާ ޙާލުގައި ބޮލުގައި ފިރުމާލަފިރުމާލައެވެ. ދެކުނު ކޮރެއާއަށް ދޭ އިންޒާރެއް ކަމަށް ބުނެ އުތުރު ކޮރެއާއިން ވަނީ އެއްފަހަރާ 18 ރޮކެޓްގެ ބޮޑު މިސައިލް ސަލްވޯއެއް ލޯންޗްކޮށްފައެވެ. އަދި  މިއީ ދުރާލައި ހަމަލާތައް ދިނުމުގެ އަޒުމް ދައްކުވައިދޭ ކަމެއް ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ، މިސައިލް ލޯންޗް ވެހިކަލް ފެކްޓްރީއަކަށް ލީޑަރު ކިމް ޖޮން އުން ޒިޔާރަތްކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް މި ހަފްތާތެރޭ ދައުރުކޮށްފައެވެ. އަދި މިހާރު އުތުރު ކޮރެއާއިން ނިއުކްލިއާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމް) އުފައްދަމުން އަންނަ އިރު، އެއީ ކުރިން ފެނިގެން ގޮސްފައިވާ ޑިޒައިންތަކަށް ވުރެ ބޮޑު މިސައިލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބައިނަލްއަޤްވާމީ ފިއްތުންތަކާއި އިންޒާރުތައް އުތުރު ކޮރެއާއަށް އަޑު ނީވެނީ ހެއްޔެވެ؟ ނޫނެކެވެ. އަޑު އިވެއެވެ. އެކަމަކު ހުޅަނގާއި އެމެރިކާ ބޭނުންހާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ވާން ބޭނުން ނުވަނީއެވެ. އަދި އެގޮތަށް ދަށުވެގެން ތިބޭން މަޖުބޫރު ނުކުރެވޭނޭކަން ސާބިތުކޮށްދެނީއެވެ. ސުލްޙަމަސަލަސް ގާއިމްކުރުމުގެ ނަމުގައި އަޑުފަތުރަމުން، ތިމާމެންގެ އަމިއްލަ ފައިދާއަށްޓަކައި، ނަސްލުތައް ނައްތާލާއިރުވެސް "އެއީ އަމިއްލަ ނަފުސުގެ ދިފާޢުގައި ކުރެވޭނެ ކަމެކޭ ބުނެ،" ޤަތުލުޢާންމުތަކަށް ހިތްވަރުދޭ ބައެއްގެ ކުރިމަތީ ކުޑަކަކޫ ޖަހާން ނުޖެހޭކަން ސާބިތުކޮށްދެނީއެވެ. ބުނެވޭ ގޮތުގައި މިއީ ކިމް ޖޮން-އުން "އޭ މިތިބަ ދުނިޔޭގެ ބާރުގަދަ ވެރީންނޭ! އަހަރެމެން އަދިވެސް މިތިބީއޭ، އަދި އަހަރެމެން އަތުތައި މިސައިލްތައްވެސް އެބަހުއްޓޭ" ވިދާޅުވާ ގޮތެވެ.

ކިމް ޖޮންގް އުން، މޭ 30 ވަނަ ދުވަހު، އުތުރު ކޮރެއާއިން އެއްފަހަރާ ފޮނުވާލި 18 ރޮކެޓްގެ ބޮޑު މިސައިލް ސަލްވޯ ބައްލަވަނީ-- ފޮޓޯ: ކޮރެއާ ނިއުސް

 

އުތުރު ކޮރެއާގެ މި ޓެސްޓުތަކަކީ ހަމައެކަނި ދައްކާލުމެއް ނޫނެވެ. އެއީ އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލްކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން، ޚާއްސަކޮށް އެމެރިކާ އިސްވެ އޮވެ ކުރަމުންދާ މަސައްކަތްތަކަށް، ރީތި ގޮތަކަށް ނޫނެކޭ ބުނެ ގޮންޖަހާލުމެވެ.

އެންމެ ފަހުން އުތުރު ކޮރެއާއިން ޓެސްޓުކުރި މިސައިލްތައް ކަނޑަށް ވެއްޓުމުގެ ކުރީން، ގާތްގަނޑަކަށް 621 މޭލަށް އުދުހި، 62 މޭލުގެ އުސްމިނަށް އެރިކަމަށް ވެއެވެ. އަވައްޓެރި ދެކުނު ކޮރެއާއާއި ޖަޕާނުގެ ބެކްޔާޑުގައި، ކުރިއަށް ގެންދިޔަ މި ޓެސްޓުތަކުގެ ސަބަބުން ހަގީގަތުގައި ވެސް އެ ގައުމުތަކަށް ވަނީ ސިހުންވެރިވެ ނުތަނަވަސްކަމެއްގެ ތެރެއަށް އެއްޓިފައެވެ.

ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ތަޖްރިބާކާރުން ދޭ ޖަވާބަކީ ވަކިން އާކަމެއް ނުވާނެއެވެ. އަނެއްކާވެސް އިތުރު ވާހަކަތަކާއި، ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާއި، އަސްކަރީ ފިއްތުންތައް ކުރިއަށް ގެންދާނީއެވެ. ނަމަވެސް، ޔަގީންވާ އެއްކަމަކީ، މި ހުރިހައި ފިޔަވަޅުތަކާ އެކުވެސް، ކައިރި މުސްތަގުބަލެއްގައި އުތުރު ކޮރެއާ ފަސް ނުޖެހޭނޭކަމެވެ.