އެމެރިކާގައި ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް އެހީތެރިވެދީ، ކުޑަކުދީން އުފަންވާ ނިސްބަތް އިތުރުކުރުމުގެ މަގުސަދުގައި އައިވީއެފް ހަރަދު ސަރުކާރުން ހިފުމަށް، ނުވަތަ އެކަމަށް ޚާއްސަ އިންޝުއަރެންސް ކަވަރޭޖެއް ކަނޑައަޅުއްވާނޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަނީ ވިދާޅުވެފައެވެ.

ވިސްކޮންސިންގައި ބޭއްވި ޓައުން ހޯލް ކެމްޕޭން އިވެންޓެއްގައި ޓްރަމްޕް ވިދާޅުވީ އޭނާ އަލުން އިންތިޚާބުވެއްޖެނަމަ އެމެރިކާ މީހުންނަށް އިން ވިޓްރޯ ފަރޓިލައިޒޭޝަން ފަރުވާއަށް ސަރުކާރުން ނުވަތަ އިންޝުއަރެންސް ކުންފުނިތަކުން ފައިސާ ދައްކާނެ ކަމަށެވެ.

ޓްރަމްޕުގެ މި ހުށަހެޅުމަކީ،  އުފަންވާ ނިސްބަތް ދަށަށް ދިއުމުގެ ސަބަބުން، ޗައިނާ އާއި ޖަޕާން ފަދަ ގައުމުތަކުން އެފަދަ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް މަޖުބޫރުވެފައިވާ ފަދައިން މިހާރު ދުނިޔޭގައި ޓްރެންޑްވަމުން އަންނަ މިފަދަ ހަރަކާތްތަކާ ގުޅިފައިވާ ފިޔަވަޅެކެވެ.

ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުން، ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ސަބަބުން އައިވީއެފްއަށް އިތުރު ފަސޭހަތަކެއް ލިބި، އުފަންވާ ނިސްބަތް އިތުރުވެދާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އިންޝުއަރެންސް ޕްރިމިއަމްތަކާއި ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ މިކަމަށް ބޭނުންވާ ފައިސާ ހޯދާނޭ ގޮތާ ބެހޭގޮތުން ޓްރަމްޕު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ފާޑުކިޔުންތެރިން ބުނާ ގޮތުގައި މިއީ ސްޓްރެޓެޖިކް ކެމްޕޭން ފިޔަވަޅަކަށް ވެދާނެއެވެ. ޚާއްސަކޮށް އެބޯޝަން ހެދުމަށް ގާނޫނު އަސާސީން ގާތްގަނޑަކަށް 50 އަހަރު ވަންދެން ދިން ހިމާޔަތް ނިމުމަކަށް ގެނެސްވައިވާއިރު، މި މައްސަލައިގައި ދަރިމައިވުމުގެ ފަރުވާގެ ހަރަދުތައް ހައްލުކޮށްގެން ވޯޓުލާ މީހުންނަށް ތާއީދު ހޯދިދާނޭކަމަށް ބެލެވެއެވެ.