އޮގަސްޓް 29، 2024- ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އަސްކަރިއްޔާއިން އަޅަމުންދާ، ގޮތެއް ފޮތެއްނެތް، ލާއިންސާނީ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ފަލަސްތީނުގައި ޚަރަކާތްތެރިވާ އދ ގެ ރެފިއުޖީންނަށް އެހީތެރިވެދޭ ޖަމިއްޔާ، (ޔޫއެންއާރުޑަބްލިއުއޭ)ގެ ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް، އަންރްވާގެ ހުޅަނގު އައްސޭރީގެ ޑެޕިއުޓީ ޑިރެކްޓަރު ރޮލޭންޑް ފްރެޑްރިޗް ވިދާޅުވެއްޖެއެވެ. އެގޮތުން މައިގަނޑު ނުކުތާ ތަކަށް ބަލައިލާނަމެވެ.

ގިނަ ބަޔަކު ޝަހީދުކޮށް، ޢުމްރާނީ ބޮޑެތި ގެއްލުންތަކެއް:

ޖެނިން، ތުލްކަރްމް، ޓޫބާސް އަދި ނާބްލުސްގައި އިސްތިޢުމާރީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ 17 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެ، އުމްރާނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޚިދުމަތްތަކަށް ހުރަސްއެޅުން:

ބައެއް ކޭމްޕްތަކުގައި އދގެ އޭޖެންސީން ފޯރުކޮށްދޭ، ތައުލީމާއި ސިއްހީ ދާއިރާ އަދި އިޖުތިމާއީ ރައްކާތެރިކަން ފަދަ ހިދުމަތްތައް މެދުކަނޑާލަން މަޖުބޫރުވެފައިވާތީ، ހަތަރު ލައްކައަށް ވުރެ ގިނަ ރެފިއުޖީންނަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.

ޤާނޫނުތަކަށް ބޯލަނބަން ގޮވާލުން:

ފްރީޑްރިކް ވަނީ އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލެނބުމަށާއި އާންމުންނާއި އަދި އަންރްވާގެ މުވައްޒަފުންނާއި ވަސީލަތްތަތައް ހިމާޔަތް ކުރުމަށް އެދިވަޑައިގެންފައެވެ.

މާލީ އަދި އޮޕަރޭޝަނަލް ގޮންޖެހުންތައް:

މާލީ މައްސަލަތައް ކުރިމަތިކޮށް، އަދި ޣައްޒާއާ އެއްގޮތަށް ގެދޮރުދޫކޮށް ދިއުމަށް އިޒްރޭލުން ހުޅަނގުއައްސޭރިގައި ދިރިއުޅޭ ރައްޔިތުންނަށް މަޖުބޫރުކުރުވަމުން ދިޔަނަމަވެސް އދގެ އޭޖެންސީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރެފިއުޖީންނަށް ހިދުމަތް ފޯރުކޮށްދީ، އެ ސަރަހައްދުތަކުގެ ހަމަޖެހުން ދެމެހެއްޓުމެވެ.

ވަކިފަރާތަކަށް ނުޖެހި ދައުރު އަދާކުރުން:

ޔޫއެންއާރްޑަބްލިއުއޭ އުވާލުމަށް އިޒްރޭލުން ތަފާތު ސިޔާސީ ޕްރެޝަރުތައް ކުރިމަތި ކުރުވަމުން ދިޔަނަމަވެސް، ފްރެޑްރިކް ވަނީ އެ އެޖެންސީގެ ދައުރަކީ، ހަމަޖެހުން ނަގާލުން ނޫންކަން ފާހަގަކުރައްވައިފައެވެ. އަދި އެފަރާތުން ކުރާހާ ވެސް މަސައްކަތަކީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެކިއެކި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އޭގެ އިތުރުން ކަންކަމަށް ހައްލު ހޯދައިދޭ ބައެއްގެ ގޮތުގައި ފާހަގަކުރައްވައި، ޣައްޒާގައި ޕޯލިއޯ ވެކްސިން ކެމްޕޭން ފަދަ އިންސާނީ މަސައްކަތްތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔޫއެންއާރުޑަބްލިޔުއޭގެ ހުޅަނގުއައްސޭރީގެ ޑެޕިއުޓީ ޑިރެކްޓަރ ރޯލަންޑް ފްރިޑްރިކާއި ރާމަﷲގައި ހުންނަވާ ނެދަލޭންޑްގެ ސަފީރު މައިކަލް ރެންޓެނާރު —ފޮޓޯ: ޔޫއެންއާރުޑަބްލިޔުއޭ

 

އިޒްރޭލުގެ ޢަމަލުތަކުގެ ސަބަބުން، އަސްކަރީ އޮޕަރޭޝަންތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގައި އިންސާނީ އެހީދިނުމަށް އޮތް ގޮންޖެހުންތަކާއި ނާޒުކު ޙަލަތު އަންގައިދެއެވެ. އަދި ބައިނަލްއަގުވާމީ ގޮތުން، އަންވްރާ ފަދަ އިންސާނީ ހިދުމަތްދޭ ތަންތަން ހިމާޔަތް ކުރަން ޖެހިފައިވާ މިކަންކަމުން އެނގެއެވެ. މަދަނީ ހައްގުތަކަށް އިސްކަންދީ، ބައިނަލްއަގުވާމީ އިންސާނީ މިންގަނޑުތައް ދަމަހައްޓައި، އަދި  ޑިޕްލޮމެޓިކް ހައްލުތަކެއްގެ ތެރޭން، އިޒްރޭލުން ޔޫއެންއާރްޑަބްލިއުއޭއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ނުހުއްޓުވައިފި ނަމަ، ރެފިއުޖީންގެ މައްސަލަ އިތުރަށް ގޯސްވެ، މުޅި ސަރަޙައްދު ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިދާނޭކަން ޔޫއެންއާރްޑަބްލިއުއޭގެ ވާހަކަތަކުން އެނގެއެވެ.