އޮގަސްޓް 27، 2024-  ބެތުލެހެމްގެ ދެކުނުގައި އޮންނަ ވާދީ ރަހާލްގައި، އިޒްރޭލުގެ އިސްތިޢުމާރީ ވަޒަންވެރީން ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޚަލީލް ސަލީމް ޚަލާވީ، 40، އަށް ބަޑިން ހަމަލާދީ ޝަހީދުކޮށްލައިފިއެވެ. ގޮތެއް ފޮތެއް ނެތް، ސަހްޔޫނީ އިސްތިޢުމާރީ ވަޒަންވެރީން ދިން މި ޙަމަލާގައި އިތުރު ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. 

ވާދީ ރަހާލް އަވަށު ކައުންސިލްގެ ވެރިޔާ ހަމްދީ ޒިޔާދާ ވިދާޅުވީ، ފިރިހެން ކުދިންގެ ސްކޫލެއް ކައިރީގައި، މީހުން ދިރިއުޅޭ ގެތަކަށް އިސްތިޢުމާރީން ހަމަލާދީފައިވަނީ ލައިވް ހަތިޔާރުގެ ބޭނުންކޮށްގެން ކަމަށާއި، އެ ހަމަލާތަކުގެ ސަބަބުން ހަތަރު ރައްޔިތަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން އިޒްރޭލު ސިފައިން ވަނީ، އެ އަވަށަށް ވަދެ، އެތަނަށް ގަދަކަމުން އަރައިގަނެގެން އުޅޭ ސަޙްޔޫނީ ވަޒަންވެރީންނަށް އެހީތެރިވުމުގެ ގޮތުން ކަރުނަ ގޭހާއި ސައުންޑް ބޮން ބޭނުންކޮށްގެން، އެރަށުގެ އަހުލުވެރީންގެ ގިނަ ބަޔަކަށް ނޭވާލާން އުނދަގޫވާވަރު ކުރިކަށް ޚަބަރުތައް ބުނެއެވެ. 

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި، ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އިސްތިޢުމާރީން 1،334 އަށް ވުރެ ގިނަ ފަހަރު ހަމަލާދީފައިވެއެވެ. މަތީގައި ބަޔާކުރެވުނު ޙާދިސާއާ އެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިފާފައިވާ ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި އިސްތިޢުމާރީ ބާރުތަކުން، އެކި ފަހަރުމަތީން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 651 އަށް އަރާފައެވެ.