ރާމަاللهގެ ހުޅަނގުން އޮންނަ ދީރް ޤާދިސް އަވަށަށް، ފަލަސްތީނުގެ ބިންތައް އަޅުވެތިކުރަމުންދާ ސަހްޔޫނީ ވަޒަންވެރީންގެ ބަޔަކު ވަދެގެންފިއެވެ.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ، ވަފާއިން ރިޕޯޓުކޮށްފައި ވާގޮތުގައި، އިސްތިއުމާރީ ބާރުތަކުގެ ހިމާޔަތުގައި ގިނަ ޢަދަދެއްގެ ސަހްޔޫނީ އިސްތިޢުމާރީ ވަޒަންވެރީން ވަނީ، އެ އަވަށުގެ އިރުމަތީ ސަރަހައްދަށް އަރައިގެންފައެވެ. އަދި އެސަރަޙައްދުން ފޭބުމުގެ ކުރީން، ގޮތެއް ފޮތެއްނެތް މިބައިގަނޑު ވަނީ، އެތަނުގެ ވަޒަންވެރީން ދޫކޮށްލާފައިވާ ގިނަ ގެތަކެއް ބަލައި ފާސްކޮށްފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ސަހްޔޫނީ އިސްތިޢުމާރީ ބާރުތަކުން ވަނީ ދީރް ޤާދިސް، ޝަބްތިން އަދި ދީރް އައްމާރު އަވަށުން 441,000 އަކަމީޓަރުގެ ބިން ފޭރިގެންފައެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އިންތިހާއަށް އިތުރު ވެފައިވާއިރު، މިހަކަށް އައިސް ފާހަގަކޮށްލެބވޭ އަނެއް ކަމަކީ، އިސްތިއުމާރީ ބާރުތަކުގެ ހިމާޔަތުގެ ދަށުން ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވަމުންދާ ސަހްޔޫނީ އާންމުން، ފަލްސްތީނުގެ ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

އިޒްރޭލުގެ ލާއިންސާނީ އިސްތިޢުމާރީ ބާރުތަކުން، 2024ވަނަ އަހަރު ފެށުނީއްސުރެން މިދިޔަ ޖޫން މަހުގެ ނިޔަލަށް، ހުޅަނގު އައްސޭރީގެ ރައްޔިތުންގެ ބިންތަކަށް ވެރިވެ، އެތަންތަނުގައި އިސްތިޢުމާރީ ފައުޖުތަކުން 17 ސަރަހައްދެއްގައި ބަނޑަހަޖަހައި، މަރުކަޒު ގާއިމްކޮށްފައިވެއެވެ.