ހުޅަނގުއައްސޭރީގައި އިޒްރޭލުން އަޅުވެތިކޮށްފައިވާ ސަރަޙައްދެއް ކަމަށްވާ، ތުލްކަރްމް ރެފިއުޖީ ކޭމްޕަށް އަރައިގަނެ އެތަނަށް ދިން ހަމަލާތަކުގެ ސަބަބުން، އުމްރާނީ ވަސީލަތްތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، ކޭމްޕުގެ އަކްތަބާ އަވަށުގެ ގެއަކަށް ސަހްޔޫނީ ބާރުތަކުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު މިއަދު ހެނދުނު ވަނީ ޝަހީދުވެފައެވެ. އިމާދު ތައިސީރު ޝްރައިމް އާއި ވާސިމް އަންބަރު އަދި މުއައްވިޔާ އަލްހައްޖު އަހުމަދު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

ތުލްކަރްމް ރެފިއުޖީ ކޭމްޕް ސާވިސަސްގެ މައި ކޮމިޓީގެ ވެރިޔާ ފައިސަލް ސަލާމާ ވިދާޅުވީ ކޭމްޕުގެ ހާލަތު ހުރީ "ޑިޒާސްޓާ ޒޯނެއް" ފަދަ ގޮތަކަށް ކަމަށެވެ.

އޭނާއާ ހަވާލާދީ ވަފާ ނިއުސްއިން ބުނެފައި ވަނީ، އިޒްރޭލުން ހިންގި ޢުދުވާނުގެ ސަބަބުން އެ ސަރަޙައްދުގެ މަގުތަކަށާއި އަމިއްލަ ފަރުދުންގެ މުދަލާއި ނަރުދަމާ ނިޒާމާއި ފެނާއި ކަރަންޓާއި މުވާސަލާތީ ވަސީލަތްތައް ފަދަ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން ވަނީ، ބުލްޑޯޒަރު ބޭނުންކޮށްގެން، ކޭމްޕުން ވަށައިގެންވާ ސަރަޙައްދުތަކަށް ވަދެ ނުކުމެއުޅެވޭގޮތަށް ހުރި މަގުތައްވެސް ތަޅައި ސުންނާފަތިކޮށް ބަންދުކޮށްފައެވެ.

މީގެ އިތުރުން، އިޒްރޭލުގެ ޓެރަރިސްޓު ސިފައިން ވަނީ، އދ.ގެ ރެފިއުޖީ އެޖެންސީ (އަންރްވާ)ގެ ހެލްތު ކްލިނިކްގެ ފާރާއި ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް-އަވްދާ ހޯލްގެ ވަށާފާރު ތަޅާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތުލްކަރްމް ރެފިއުޖީ ކޭމްޕަކީ 1948 ވަނަ އަހަރު ހިނގި މެދުއިރުމަތީގެ ހަނގުރާމައަށްފަހު، ރައްކާތެރިކަން ހޯދުމަށް އެސަރަޙައްދަށް އައި އެތައް ސަތޭކަ ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 1950 ވަނަ އަހަރު އދ.ގެ ރެފިއުޖީ އެޖެންސީން ކަނޑައަޅާފައިވާ، މިހާރު ތޮއްޖެހިފައިވާ އަވަށެކެވެ.