އޮކްޓޫބަރު 7، 2023ގައި، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ކުއްލި، އަދި ސިހުންގެނުވި ހަމަލާއަށް ފަހު، އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން ޣައްޒާގައި ކުރިއަށް ގެންދާ ލާއިންސާނީ ޖަރީމާތަކުގެ މަތިއެޅުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރާ ފަރާތަކީ އެމެރިކާއެވެ. އެމެރިކާއަކީ އިޒްރޭލު މެދުއިރުމަތީގައި ބޭއްވުމަށް އެންމެ ބުރަ މަސައްކަތެއްކުރާ، އިޒްރޭލުގެ އެންމެ ގާތް މިތުރެވެ. ނަމަވެސް، އިޒްރޭލުގެ ލާއިންސާނީ ވާހަކަތަކަކީ، އެމެރިކާއިން ދުނިޔޭގެ ސުޕަރޕަވަރުގެ ގޮތުގައި އޮތުމަށް ދައްކަމުން ދިޔަ ފޮނި ވާހަކަތަކާ ވަރަށް ބޮޑަށް ފުށުއަރާ، ކަންތައްތަކެވެ. އެހެންކަމުން، މިކަންކަން އެހެން ގޮތަކަށް ސިފަކުރުމަށް އެމެރިކާއަށް ދައްކާން ޖެހިފައިވަނީ، ބޮޑު އަގެކެވެ. ކުރާން ޖެހިފައިވަނީ ބުރަ މަސައްކަތްތަކެވެ. އެކަން އެންމެ ބޮޑަށް އެނގެނީ، އެމެރިކާގެ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން "އަވަސްހިންޏެއް"ހެން އިރުއިރުކޮޅާ މެދުއިރުމައްޗަށް ކުރާ، "މުނާފިގު" ދަތުރުތަކުންނެވެ.

ބްލިންކެން އެންމެ ފަހުން މެދުއިރުމައްޗަށް ކުރި ދަތުރާއެކު އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. އަދި ބައިނަލްއަގްވާމީ ފަރާތްތަކުން، މިކަމާ ގުޅިގެން ކުރާ ބަހުސްތައް ވަނީ ހޫނުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުން، މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމުގެ ނަމުގައި އެމެރިކާއިން ގެންގުޅެނީ މަކަރުވެރި ސިޔާސަތުތަކެކެވެ. އަދި ބްލިންކަންގެ މި ދަތުރުގެ މައިގަނޑު ވިސްނުމަކީ ވެސް ހަނގުރާމަ ހުއްޓާލުމެއް ނޫނެވެ. އެހެނަސް އެއީ ހަނގުރާމައިގެ މަޝްވަރާތައް "މަރު ތަޅު" އެޅުވުން ކަމަށް ވެގެންދިއުން ގާތެވެ.

މިއީ، އިޒްރޭލުން މިފަހަރު ޣައްޒާއަށް އަރައިގަތް ފަހުން، ބްލިންކެން މެދުއިރުމައްޗަށް ކުރާ 9 ވަނަ ދަތުރެވެ. އޭނާގެ މި ދަތުރުގެ އަމާޒަކީ ހަމާސްއަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބަލައިގަތުމަށް ޕްރެޝަރު ކުރުމާއި، ރަހީނުން މިނިވަންކުރުންކަމާއި، އަދި އިޒްރޭލުގެ ބާރުތަކުން ޣައްޒާއިން ފޭބުމަށް ބާރުއެޅުންކަމަށް ވެއެވެ. ނަމަވެސް އޭނާގެ މި މަސައްކަތަކީ، މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މި ހަނގުރާމަ ދިގުދެމިގެންދާނޭ ގޮތަށް ކަންކަން ބައްޓަންކުރުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދާގޮތް އެނގޭ މަސްދަރުތަކާ ހަވާލާދީ، އިޒްރޭލުގެ މެއިންސްޓްރީމް އޮންލައިން ނޫހެއް ކަމަށްވާ ޔެޑިއޯތު އަހްރޯނޯތުން ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް "ހަނި" ކަމަށެވެ. އަދި މިއެއްބަސްވުން ސަލާމަތްކުރުމަށް އަންނަ ހަފްތާގައި މިސްރުގެ ވެރިރަށް ގާހިރާގައި ސަމިޓެއް ބޭއްވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުން ދިޔަނަމަވެސް ފެންނަނީ ވަރަށް ބޮޑަށް މާޔޫސް ވެފައިވާ މަންޒަރުކަމަށެވެ.

އެގޮތުން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ހުށަހެޅުން ޤަބޫލުކޮށްފައި ވާކަމަށާއި، މިހާރު ބޯޅަ އޮތީ ހަމާސްގެ ކޯޓްގައި ކަމަށް ބްލިންކަން ބުނެފައި ވަނީ، ގާހިރާ ސަމިޓް ބޭއްވުމުގެ ފުރުޞަތު ހަނިކުރުމަށް ކަމަށް ވެސް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ޣައްޒާ އާއި މިސްރާ ދެމެދު އޮންނަ ފިލަޑެލްފީ ކޯރިޑޯއާއި، މަޝްވަރާތަކުގައި "ރަތް ރޮނގެއް" ކަމަށް ބެލެވޭ ޣައްޒާގެ "ނެޓްޒާރިމް ކޯރިޑޯ"ގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ތިބެވޭނޭ ގޮތަށް ހެދުމަށް ނަތަންޔާހޫ ދަނީ ބާރުއަޅަމުންދާކަމަށް އިޒްރޭލުގެ މަސްދަރުތަކުން ބުނެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، އެމެރިކާގެ އެތެރޭގެ ސިޔާސީ ކަންކަމާ ގުޅޭގޮތުން ޝިކާގޯގައި ބާއްވާ ޑިމޮކްރެޓިކް ކޮންވެންޝަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން ބްލިންކަންގެ ވާހަކަތައް ހުރީ، ޔަހޫދީން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް މަގުފަހިވާ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިއީ ޑިޕްލޮމެޓިކް ގޯސް ނިންމުންތަކެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ޔެޑިއޯތު އަހްރޯނޯތު ގައި ބްލިންކަންގެ ޢަމަލުތައް ސިފަކޮށްފައި ވަނީ، ނަތަންޔާހޫއާ ގުޅިގެން އޭނާއަށް "ހަދިޔާއެއް" ދިނުމުގެ ގޮތުން ސުލްގައިގެ އެއްބަސްވުމަށް ބްލިންކެން "މަރުގެ އަދަބު" ދީފައި ކަމަށެވެ.

އިޒްރޭލުން ބޭނުންވާހާ ގޮތަކަށް ކޮށައިމަށައި، ނަމެއްގައި ދެމެހެއްޓެނިވި ސުލްހައަކަށް ދިއުމަށް އެމެރިކާގެ ސަރުކާރުން ބާރު އަޅަމުން އަންނަ އިރު، ހަމާސްއިން ވަނީ، އެމެރިކާގެ އެ ހުށަހެޅުމަށް ބަދަލުތަކެއް ގެންނާ އެދިފައެވެ. އޭގެ ސަބަބުން ބްލިންކެން މާޔޫސްވެ، ސުލްހައަށް ދަތުރުކުރާ ރާސްތާ މިވަނީ ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައެވެ.