އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ފަހު، ޣައްޒާއާ މެދު ދެން ކަންތައް ކުރާނީ ކިހިނެއްތޯ މިއީ މިހާރު އުފެދިފައިވާ ބޮޑު ސުވާލެކެވެ. އެއްބަޔަކު ޣައްޒާ އާރާސްތުކުރާ ވާހަކަ އެބަދައްކައެވެ. ސުލްޙައިގެ ވާހަކަތަކެއް އެބަ ދެކެވެއެވެ. ނަމަވެސް ސަހުޔޫނީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއާ މެދު ދެކޭގޮތް ތަފާތެވެ. އޭނާ ރާވަމުންދާ މަކަރުވެރި ސިޔާސަތުތަކާ މެދު، މިވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. ސުލްޙަ ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތައް ކޮޅެއްގައި ނުޖެހި މިދަނީ، އޭގެ ފަހަތުގައި ނުބައި ރޭވުންތަކެއް ސަހްޔޫނީން ގެންގުޅޭތީއެވެ.

އިޒްރޭލުގެ ނޫހެއް ކަމަށްވާ، ހާރެޓްޒްގެ އެޑިޓަރު އަލޫފް ބެން، މިކަމާ ގުޅޭގޮތުން ކުރި ހާއްސަ ދިރާސާއަކަށް ފަހު، ބުނެފައި ވަނީ، ނަތަންޔާހޫގެ ތަސައްވުރުގައި ހިމެނެނީ ސުލްހައިގެ ޕްލޭނެއް ނޫން ކަމަށާއި، ނަމަވެސް މަޑުމަޑުން ޣައްޒާގެ ބާރުތައް މުށުތެރެއަށް ލުންކަމަށެވެ.

އިޒްރޭލުގެ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ގެދޮރުގެއްލިފައިވާ ޣައްޒާގެ ޢާއިލާއެއް ރައްކާތެރި ތަނެއް ހޯދުމަށް ދަތުރުކުރަނީ--

 

އޭނާ މިކަން ސިފަކުރަނީ، ޣައްޒާ ސިޓީ "ދިގުމުއްދަތަކަށް ހިޞާރުކުރުން" ކަމަށެވެ. ނަތަންޔާހޫގެ ގާއިމުކުރާން އުޅޭ އުސޫލުތަކުގެ މަގުސަދަކީ މުއްދަތެއް ނެތް ގޮތަށް، ޣައްޒާގެ މައްޗަށް އަސްކަރީ ބާރު ދެމެހެއްޓުމާއި، ފަލަސްތީނުގެ ރައްޔިތުން ގެދޮރު ދޫކޮށްލުމަށް މަޖުބޫރުކުރުވުންކަމަށް އޭނާ ލިޔެފައިވެއެވެ.

"ހަނގުރާމައިގެ އުޅަނދަކަށް ފަހު އުޅަނދެއް، ޣާފިލާއަކަށްފަހު ޣާފިލާއެއް" ޣައްޒާތެރެއަށް ވައްދަމުން ދަނީ، މި ނުބައި ނުލަފާ ރޭވުމުގެ ތެރޭން ކަމަށް އޭނާ ސިފަކޮށްފައި ވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުން، ސަހުޔޫނީންގެ މި މައްކާރު ޢަމަލުތަކުގެ ސަބަބުން އަނެއްކާވެސް ޣައްޒާގައި ދިގު މުއްދަތަކަށް ކޯޅުންތައް އިތުރުވެ، އިތުރު ހަމަނުޖެހުންތައް އުފެއްދޭނެއެވެ. އެއީ އިޒްރޭލުގެ އިދިކޮޅުފަރާތްތަކުން މިހާރުވެސް ކުރިމަތިކުރަމުންދާ ޕްރެޝަރުތަކާ ހެދިވެސް، ވެރިކަން ދިފާޢުކުރުމަށް، ނަތަންޔާހޫ ބޭނުންވާގޮތެވެ.

ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ، އިޒްރޭލުގެ މި މައްކާރު ހިޔަޅު ރޭވުންތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތަށް ހުރަސްއެޅި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް އިތުރަށް ގެއްލިގެންދިއުން ނޫންކަމެއް ވާނޭތޯ ބުނެ، އެކަމާ ސުވާލުއުފައްދަމުންނެވެ.