ހަމާސް ނައްތާލަންކަމަށް ބުނެ، އިޒްރޭލުގެ ސަޙްޔޫނީ ދައުލަތުން މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ޣައްޒާ ސިޓީއަށް ހަމަލާ ދެމުން ގެންދާ މަސްތަކެއް ވީއެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ހަމަލާ ދޭން ބޭނުންކުރަނީ ޒަމާނީ އެންމެ ނުރައްކާތެރި ވަރުގަދަ ހަތިޔާރުތަކެވެ. ނަތީޖާއަކީ ޣައްޒާގައި މިއަދު ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ވީރާނާކޮށްލާފައިވާ ޢިމާރާތްތަކެވެ. ފުނޑުފުޑުކޮށްލާފައިވާ މަގުތަކެވެ. ޣައްޒާ ސިޓީގެ އަވައްތައް ވަނީ ހައިރާންކުރަނިވި މިންވަރަކަށް ހަލާކުކޮށް ކުދިކުދިކޮށްލައިފައެވެ.

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރާނެ މިފަދަ އެންމެ ބޮޑު މަސައްކަތެވެ. 2 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އައި ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތަކީ ބޮޑު އަދި އެހާމެ ބުރަ މަސައްކަތަކަށް ވާނެއެވެ. ކުރިއަށް އޮތް މަސްތަކުގައި ޣައްޒާގެ އަވަށްތަކުން އެތައް މިލިއަން ޓަނުގެ ކުނި ނައްތާލަން ޖެހޭނެއެވެ. ގެދޮރާއި މަގުތަކާއި ޢުމްރާނީ، އަދި އަސާސީ އެހެނިހެން ޚިދުމަތްތައް ޢިއާދަކުރާން ޖެހޭނެއެވެ.

އދ.ގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޢާންމުން ދިރިއުޅޭ ތަނެއް މިވަރަށް ފަނާކޮށްލާފައިވަނިކޮށް ފެނިފައެއް ނުވެއެވެ. ޔޫއެން ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ރީޖަނަލް ބިއުރޯ ފޯ އަރަބް ސްޓޭޓްސްގެ ޑިރެކްޓަރު އަބްދުالله އަލް ދަރްދާރީ ވިދާޅުވީ، "1945 ވަނަ އަހަރުން ފެށިގެން މިކަހަލަ ކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ." ކަމަށެވެ.

"އެވަރު ކުރު މުއްދަތެއްގެ ތެރޭގައި، އެހާ ބޮޑަށް ފާނާކޮށްލާފައި އެވަނީ،" އޭނާ ވިދާޅުވިއެވެ.

"އިންސާނީ ތަރައްގީއަށް ކޮށްފައިވާ ހުރިހާ އިންވެސްޓްމަންޓްތަކެއް... ފާއިތުވި 40 އަހަރު ޣައްޒާގައި ކުރެވިފައިވާ ހުރިހާ މަސައްކަތެއް އެވަނީ ނައްތާލެވިފައި،" 

ދަރްދާރީ ވިދާޅުވީ، މިއަދު ޣައްޒާ އޮތް ޙާލަތަކީ 80ގެ އަހަރުތަކުގައި އެ ސިޓީ އޮތް ޙާލަތަށްވުރެވެސް ދަށް، އަދި ހިތްދަތި ޙާލަތެއް ކަމަށެވެ.

ދުނިޔޭގެ ޤާނޫނުތަކަށް ގޮންޖަހައި، އެއްވެސް ހަމައެއް ލަމައެއް ނެތި، ސަޙްޔޫނީ ދައުލަތުން ހިންގާފައިވާ މި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން މިއަދު ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް މިވަނީ ބޮޑު ތަކުލީފެއް ޖެހިފައެވެ. އިންސާނީ ތާރީޚުގައި މިހާތަނަށް ދެކެފައި ނުވާފަދަ ކަޅު ސަފްޙަތަކެއް ލިޔެވިއްޖެއެވެ.

ޣައްޒާ ވީރާނާކޮށްލާފައިވާ މިންވަރު ދައްކުވައިދޭ އޭއައި ޖެނެރޭޓެޑް ފޮޓޯއެއް--

 

އިޒްރޭލުން 2014 ވަނަ އަހަރު ހަމާސްއާ ދެކޮޅަށް ދިން ޢުދުވާނީ ޙަމަލާތަކުގައި ވީރާނާކޮށްލި ތަންތަނުން ނަގަން ޖެހުނު ކުނީގެ ޢަދަދަކީ 2.4 މިލިއަން ޓަނުގެ ކުންޏެވެ. ނަމަވެސް، މިފަހަރު ފާއިތުވީ 10 ވަރަކަށް މަސްދުވަހުގެ ތެރޭގައި އިޒްރޭލުން ފަނާކޮށް ވީރާނާކޮށްލާފައިވާ ތަންތަނުން އުފެދިފައިވާ ކުނީގެ ޢަދަދު އެތައް ގުނައެއް އިތުރެވެ. އދގެ އޮފިޝަލުން ހާމަކުރާ ގޮތުގައި، އިޒްރޭލުން ވަނީ ޣައްޒާގެ ބޯހިޔާވަހިކަމުގެ 70 އިންސައްތަ އަށް ވުރެ ބޮޑުބައި ހަލާކުކޮށްލައިފައެވެ. އެގޮތުން މިތަންތަން އާރާސްތުކުރުމުގެ މަސައްކަތުގައި ގާތްގަނޑަކަށް 37 މިލިއަން ޓަނުގެ ކުނި ނައްތާލަން ޖެހޭ ކަމަށް އެފަރާތުން ލަފާކުރެއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއަށް މިހާރު ކުރިމަތިވެފައި ވަނީ ހަމަ އެކަނި ޣައްޒާ ރައްޔިތުންނަށް އެހީވުމުގެ މަސައްކަތަށް ފައިސާ ހޯދުން އެކަންޏެއް ނޫނެވެ. މުޅި ޣައްޒާ އަލުން އާރާސްތުކުރާން ޖެހެއެވެ. އަލުން ބިނާކޮށް، ޣައްޒާ އާސްރާސްތު ކުރުމުގެ މަރުހަލާއިން ފެށިގެން، އެ ސިޓީގެ ރައްޔިތުންނަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގޮންޖެހުންބޮޑު އެހެން ނަމަވެސް، އިންސާނިއްޔަތަށްޓަކައި ކުރުން ވާޖިބު މަސައްކަތްތަކެކެވެ.

ޣައްޒާ ސިޓީ ވީރާނާކޮށްލުމުގެ އިތުރުން، އިޒްރޭލުން 2023، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި، ފަލަސްތީނުގެ 40,139 މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 16،000 ކުޑަކުދިންނާއި 7،000 އަންހެނުން ހިމެނޭ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ހާމަކުރެއެވެ. އަދި ޝަހީދުކޮށްލާފައިވާ މީހުންގެ ޙަޤީގީ އަދަދު މިއަށްވުރެ މާ ގިނަވާނޭކަމަށް ބެލެވޭއިރު، 10،000 އަށް ވުރެ ގިނަ މީހުން ގެއްލި، ނުވަތަ ހަލާކުވެފައިވާ ތަންތަނުގެ ދަށުގައިވާނޭ ކަމަށް ބެލެވެއެވެ.  ތަފާތު އެކިވަރުގެ ޒަޚަމްތައްލިބި އަނިޔާވެފައިވާ މީހުންގެ ޢަދަދު 92,743އަށް އަރައެވެ.