ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވެދެއްވުމަށް، އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތަބޫން ވަރުގަދަ ވަޢުދުފުޅެއް ވެވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު ބޭއްވި އިންތިޚާބީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ތަބޫން ވިދާޅުވީ، ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެތައް ސަތޭކަ ޑޮކްޓަރުން ފޮނުއްވުމަށާއި، ޒަޔަނިސްޓުން ހަލާކުކޮށްލާފައިވާ ތަންތަން އަލުން އާރާސްތުކުރުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ދެވަނަ ރިޔާސީ ދައުރަކަށް ވާދަކުރައްވާ ތަބޫން ވިދާޅުވީ މިސްރުގެ ބޯޑަރު ހުޅުވާލައިފި ނަމަ، އެންމެ 20 ދުވަހުގެ ތެރޭގައި ޢައްޒާގައި 3 ހޮސްޕިޓަލް އެޅުމަށް އޭނާގެ އަސްކަރިއްޔާ ވަގުތުން ފޮނުވާނޭކަމަށެވެ.

"ފަލަސްތީނަކީ ހަމައެކަނި ފަލަސްތީނުގެ މައްސަލައެއް ނޫން، އެއީ އަޅުގަނޑުމެންގެ ވެސް މައްސަލައެއް،" ސަޕޯޓަރުންނާ މުޙާތަބުކުރައްވައި ތަބޫން ވިދާޅުވިއެވެ.

ޒަމާނުއްސުރެ ފަލަސްތީނަށް ތާއީދުކުރާ އުތުރު އެފްރިކާގެ ދައުލަތުން ވަނީ، އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ގިނަ ގަރާރުތަކެއް އދގެ ކައުންސިލަށް ގެނެސް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އަދި އިޒްރޭލާ ދެކޮޅަށް ހުށަހަޅާ މައްސަލަތައް އެމެރިކާއިން ވީޓޯ ކުރުން ކުށްވެރިކޮށްފައެވެ.

އިޒްރޭލުން 2023، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ފަލަސްތީނުގެ 40،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 16،000 ކުޑަކުދިންނާއި 7،000 އަންހެނުން ހިމެނޭ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ހާމަކުރެއެވެ. އަދި ޝަހީދުކޮށްލާފައިވާ މީހުންގެ ޙަޤީގީ އަދަދު މިއަށްވުރެ މާ ގިނަވާނޭކަމަށް ބެލެވޭއިރު، 10،000 އަށް ވުރެ ގިނަ މީހުން ގެއްލި، ނުވަތަ ހަލާކުވެފައިވާ ތަންތަނުގެ ދަށުގައިވާނޭ ކަމަށް ބެލެވެއެވެ.